ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަންޖެހޭ ފަދަ އަމަލެއް ކުރެއްވިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަދި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަކީލް މުއިއްޒު މިހެން ވިދާޅުވީ އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ފާސްކޮށްފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިގޮތުން މުއިއްޒު ވިދާޅުވީ އެ ދެ ބޭފުޅުން ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އެއީ އަދުލުވެރި، އިންސާފުވެރި، ނަޒާހަތްތެރި ދެ ފަނޑިޔާރުން ކަމަށެވެ.

"ފަނޑިޔާރުކަމުގެ މަގާމުން އެދެބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް ކުރެއްވިކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެއްކިފައެއްވެސް ނުވެއެވެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު މާދަމާ މަޖިލީހުން ނަގާ ވޯޓުގައި ކޮންމެ މެންބަރަކުވެސް ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި މެންބަރުން ކުރެއްވި ހުވާ ހަނދުމަކުރައްވާ، ކޮންމެ މީހަކަށް ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މަޖިލީހުގެ ދައުރެއްވެސް އޮންނަކަން ދެނެގެން އަދުލުވެރިކަމާއެކު ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާ، "މެންބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރާންވީ ކަންކަން" ގައި "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ." ކަމަށް ބަޔާންވެފައި އޮވެ އެވެ.

ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުކަމުގެ މަގާމުން އަޒްމިރާލްދާ އާއި މަހާޒް ވަކިކުރުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގުމަށް އެޖެންޑާ ކޮށްފައިވާއިރު، ގާނޫނަށް ގެނައި އިސްލާހެއްގެ މައްސަލަ ސުޕްރީމްކޯޓުން ބަލަމުން ދަނިކޮށް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމުމާ ގުޅިގެން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މުއައްސަސާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.