ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.

ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ.

އެ ބިލުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ، ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެ އިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލްގައިވާގޮތުން ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދިނުމަކީ މަނާކަމެކެވެ. އަދި ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލްގައިވެ އެވެ. ގޭންގުތަކުގެ މެންބަރުންނަށް ދައުލަތުގެ ވަޒީފާ ދީގެންނުވާނެ ކަމަށް އެ ބިލްގައިވެ އެވެ. އަދި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެ ބިލްގައިވެ އެވެ.

ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.