ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކުރޫޒް ފަރިތަކަމާއެކު ހިންދީ ބަހުން ވާހަކަ ދައްކާ ވީޑިއޯއަކާއެކު ގިނަ ބަޔަކަށް ހައިރާން ކޮށްލައިފި އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ އެ ވީޑިއޯގައި ފެންނަނީ ހިންދީ ބަހުގައި ބޭނުންކުރާ ވަރަށް އާއްމު ޖުމްލަތަކެއް އެއްވެސް ކުށެއް ނެތި ޓޮމް ބޭނުންކުރާ މަންޒަރެވެ.

"އަހަރެން ތި އެންމެން ދެކެ ވެސް ވަރަށް ލޯބިވޭ" އެ ވީޑިއޯގައި ޓޮމް ހިންދީ ބަހުން ބުނާ އަޑު އިވެ އެވެ. އެއާއެކު ދެން ފެނިގެންދަނީ ޓޮމްގެ އެންމެ ފަހުގެ ފިލްމު "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން"ގެ މަންޒަރުތަކެކެވެ.

މި ވީޑިއޯ އާއްމުވެފައި މިވަނީ މިޝަން އިމްޕޮސިބަލް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު މާދަމާ ރިލީޒްކުރަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ވީޑިއޯގައި ޓޮމް ވަނީ އޭނާގެ ހިތުގައި އިންޑިއާއަށާއި އެގައުމުގެ ފިލްމީ ދާއިރާ ބޮލީވުޑަށް އޮތް ލޯތްބާ ބެހޭގޮތުން ވެެސް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ބޮލީވުޑް ސްޓައިލަށް އުފައްދާ ފިލްމެއްގައި ހިއްސާވާން ބޭނުންވާ ކަމަށް ޓޮމް ބުނިއިރު އޭނާ ވަނީ 2011 ވަނަ އަހަރު އޭނާ އިންޑިއާއަށް ކުރި ދަތުރުގެ ހަނދާންތައް ވެސް އާކޮށްފަ އެވެ.

"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ރިލީޒް ކުރަން އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާއިރު ޓޮމް އެދިފައިވަނީ އެންމެ ފަހު ފަހަރު އޭނާއަށް އިތުބާރު ކުރުމަށެވެ.