ގުދުރަތުގެ އަޖާއިބުތަކަކީ އަހަރުމެން އިންސާނުންގެ ބުއްދި ހައިރާން ކޮށްލާފަދަ އަޖާއިބުތަކެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިފަދަ ގުދުރަތީ ތަންތަނުން ގުދުރަތުގެ މުއްސަނދިކަން ފެނިގެންދެ އެވެ.

ޒިމްބާބްވޭއާއި ޒެންބިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ވާ ޒެމްބްޒީ ކޯރުން ފެނިގެންދާ ވިކްޓޯރިއާ ފޯލްސްއަކީ ވެސް މިފަދަ އެއް ތަނެވެ. އެއީ އެ ދެގައުމު ހިއްސާކުރާ އެންމެ މުއްސަނދި ގުދުރަތީ ޚަޒާނާ އެވެ.

ވިކްޓޯރިއާ ފޯލްސް

ދުނިޔޭގައިވާ އެންމެ މަޝްހޫރު ފެންއާރުތަކުގެ ތެރޭގައި ހިމެނޭ ވިކްޓޯރިއާ ފޯލްސްއަކީ އުސްމިނުގައި 128 މީޓަރު އަދި ދިގުމިނުގައި އެއް މޭލު ހުންނަ ފެންއާރެކެވެ.

ވިކްޓޯރިއާ ފޯލްސްއަށް އެ ނަން ދެވިފައިވަނީ 18 ވަނަ އަހަރުގައި އިނގިރޭސި ވިލާތުގެ ރަނިކަން ކުރި ކުއީން ވިކްޓޯރިއާގެ ނަމަށް ނިސްބަތް ކޮށެވެ.

ވިކްޓޯރިއާ ފޯލްސް އިން ފެން ފައިބަމުންދާއިރު އުފެދޭ ދުންފިނި، އަދި ސްޕްރޭ 1000 ފޫޓް މައްޗަށް އަރައިގެންދާ ކަމަށް ބުނެވޭއިރު 50 ކިލޯ މީޓަރު ދުރުންވެސް މި ދުންފިނި ފެންނާނޭ ކަމަށް ލަފާކުރެވެ އެވެ.

ވިކްޓޯރިއާ ފޯލްސް

ތެތް މޫސުމުގައި އެ ފެންއާރުން ކޮންމެ މިނެޓަކު 500 މިލިއަން ލީޓަރު ފެން ފައިބާއިރު އެ ފެން ވާސިލްވަނީ އެ ސަރަހައްދުގައި އޮންނަ ހަނި ވާދީ އަކަށެވެ.

ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާކް އަދި ޒިމްބާބުވޭގެ ވިކްޓޯރިއާ ފޯލް ނޭޝަނަލް ޕާކްގެ ގޮތުގައި ވެސް ހިމެނޭ މި ފެންއާާރާއެކު އެ ޕާކުތަކުގައި އެކި ކަހަލަ ދިރުންތައް ފެނިގެންދެ އެވެ.

ޒެމްބްޒީ ކޯރު ހުރަސްކޮށް ހަދާފައިވާ 5 ބްރިޖްގެ ތެރެއިން އެއް ބްރިޖް ހަދާފައިވަނީ މި ވޯޓަރ ފޯލް ހިމެނޭ ސަރަހައްދުގައެވެ. ރޭލު ދަތުރުކުރާނޭ މަގެއްގެ ގޮތުގައި މިބްރިޖް ހަދާ ނިންމާފައިވަނީ 1905 ވަނަ އަހަރު އެވެ.

ވިކްޓޯރިއާ ފޯލްސް

ޖުމްލަ 250 މީޓަރުގެ ދިގު މިބްރިޖް ހަދާފައިވަނީ 125 މީޓަރު އުހުގަ އެވެ. މިއަދު މިބްރިޖް އެހީގައި ވިކްޓޯރިއާ ޓައުން، ލިވިންގ ސްޓޯން، ބްލަވާޔޯ އަދި ލަސްކާ އަށް ރޭލުގައި ދެވޭނެ އެވެ.

މި ބްރިޖް ހެދުމަށްފަހު އެ ސަރަހައްދަށް ޒިއާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވިއިރު މިއަދުވެސް އެތަނަކީ އެ ދެގައުމަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.