ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، އަސާސީ މުދަލުގެ އަގުތައް އާންމު ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭ މިންވަރަށް އުފުލިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުން ޑޮލަރު ހުސްވެ، އޭގެ އަގު އިންތިހާއަށް އުފުލިފައިވަނީ މި ސަރުކާރަށް ބޭރުގެ ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ވެސް ބޭރު ފައިސާ ހޯދުމަށް ނުކުޅެދިފައިވާތީ ކަމަށެވެ. އަދި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ދަރަނި ދެއްކުމަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާ އިރު، މިހާރު ރާއްޖޭގައި އިތުރު ޑޮލަރެއް ނެތް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު ބާސްމަތީ ހަނޑޫ 110 ރުފިޔާ، ކޮފީ ފުޅިއަކަށް 260 ރުފިޔާ އަދި ކައްކާ ތެޔޮ ލީޓަރަކަށް 35 ރުފިޔާ ޖެހޭ ކަމަށެވެ. މީގެ އިތުރުން މުގު ކިލޯއެއްގެ އަގު 50 ރުފިޔާއަށް އަދި ކުކުޅު ބިހެއްގެ އަގު 2.50 އާއި 3 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި ތަކެތީގެ އަގު އުފުލިގެން މިހާރު މިދަނީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ މިންވަރަކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަކެތީގެ އަގު އުފުލެމުންދާއިރު ރައްޔިތުންގެ އާމްދަނީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި، ގައުމުގެ މިސްރާބު ހުރީ އަނދިރި ދަތުރަކަށް ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމުގެ އެއްވެސް ތަސައްވުރެއް މި ސަރުކާރުގެ ނެތް ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
މުދަލުގެ އަގު ބޮޑުވާ އަނެއް ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ، މައި ބަނދަރަށް އަންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް އަނބުރާ ސިންގަޕޫރާއި ކޮލަމްބޯއަށް ފޮނުވާލަން ޖެހުމެވެ. މީގެ ސަބަބުން އިތުރުވާ ޑެމޮރޭޖާއި ފްރައިޓްގެ ހަރަދުތައް މުދަލުގެ އަގަށް އިތުރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލި، ރާއްޖޭގެ އިންފްލޭޝަން 5.0 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިދިޔަ އަހަރުގެ 6.3 އިންސައްތައިން މި އަހަރު 1.0 އިންސައްތައަށް ދަށްވާނެ ކަމަށް ވެސް އޭޑީބީން ބުނެފައިވެއެވެ.
ދަންވަރު ކާ ހިތްވުން: ސްޓްރެސްއާއި މެޓަބޮލިޒަމްގެ އަސަރު!