ދެމަފިރިން ނިދާކޮޓަރީގައި ހިނގާ ކަންތައްތަކަކީ ހަމައެކަނި ހަތަރު ފާރުތެރޭގައި ފޮރުވިފައިވާ ކަމެއް ކަމުން އީޑީ ކަހަލަ ބަލި ހާލަތު ވެސް ދެކެވިފައި ވަނީ ހަތަރު ފާރުން ބޭރުކުރަން ނުވާ ސިއްރަކަށެވެ. ނަތީޖާއަކަށް ވަނީ ޒަވާޖީ ހަޔާތައް އަސަރުކުރުމެވެ. ދެމަފިރިންގެ ގުޅުން ހީނަރުވުމެވެ. މިއީ ދައްކަން ޖެހިލުންވާ ވާހަކަ އެކެވެ. އޭގެ ސަބަބުން ޓިކްޓޮކް ޑޮންޓަރުންނަށް ބަރޯސާވެވި މައްސަލައަށް ހަގީގީ ހައްލު ނުލިބި މާޔޫސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވެ އެވެ.
އީޑީ އަކީކޮބާ؟
އީޑީ ނުވަތަ އިރެކްޓައިލް ޑިސްފަންކްޝަން އަކީ ފިރިހެނާގެ ޖިންސީ ގުނަވަނުގެ ބާރު ދަށްވެފައިވުމަށް ދެވިފައިވާ ނަމެކެވެ. މި ހާލަތުގައި ޖިންސީ ގުނަވަނުގައި ހުންނަންޖެހޭ ބާރު ގިނައިރު ވަންދެން ދެމެހެއްޓުމަށް ނުކުޅެދެވެ. ނުވަތަ ޖިންސީ އެދުންވެރިކަން ހުރި ނަމަވެސް އެ ގުޅުން އުފެއްދުމަށް ބޭނުންވާ ބާރު ދަށްވެފައިވެ އެވެ.
އީޑީގެ އަކީ ފިރިހެނުން ވަރަށް ނާޒުކު ފައްތަރަކަށް ވައްޓާލާ ބަލިހާލަތެކެވެ. އޭގެ ސަބަބުން ލަދުވެތިކަން އިހްސާސްވެ އެވެ. އެހެން މީހުންނަށް އެ ސިއްރު އިނގިއްޖެ ނަމަ ދެކޭނެ ގޮތަކާއި ދޭތެރޭ ޖެހިލުންވާން މެދުވެރިވެ އެވެ. އެހެން ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އީޑީއަކީ ވަރަށް ފަސޭހައިން ފަރުވާކޮށްލެވޭނެ ސިއްހީ މައްސަލައެއް ކަމެވެ. އެއީ އެ މީހާގެ ހުންނަ ނުކުޅެދުންތެރިކަމެއް ނޫންކަމެވެ.
އީޑީގެ ހާލަތު ފެށުމުގައި އުމުރު މައްޗަށް ދިއުމާ ގުޅުމެއްވެ އެވެ. އެއީ އުމުރު މައްޗައް ދާ ވަރަކަށް ޖިންސީ ގުނަވަނުގައި ބާރު ޖެއްސުމަށް ބޭނުންވާ ހޯމޯން ޓެސްޓޮސްޓެރޯން މަދުވުމާއި ހަށިގަނޑުގައި ލޭ ދައުރު ކުރުން ވެސް ދަށްވަމުން ދިއުމެވެ.
އެހެން ނަމަވެސް އެހެން ދިމާވާނަމަ، އެކަމަކީ އުމުރު މައްޗަށް ދާތީ ދިމާވާ ކަމެއްކަމަށް ނިންމައިގެން އަޅާނުލާ ހުރުން މުޅިން ހުއްޓާލަން ޖެހޭކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އެއީ ގިނަ ފިރިހެނުން އެ މީހުންގެ އުމުރު 70 އަހަރުން މައްޗައް ދިޔަނަމަވެސް، އެއްވެސް މައްސަލައެއް ނުޖެހި އުފާވެރި ޒަވާޖީ ހަޔާތެއް ވޭތު ކުރެވޭނެތީ އެވެ.
އީޑީގެ އާއި ނަފްސާނީ ބަލިކަށިކަމާ ގުޅުމެއްވޭ!
ނަފްސާނީ ބަލިތައް ފަދަ ސްޓްރެސްއާއި އަދި ޑިޕްރެޝަންއަކީ ވެސް އީޑީގެ މައްސަލަ ތިލަވުމަށް މެދުވެރިވެދާނެ ސަބަބެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ޒުވާން ފިރިހެނުންގެ މެދުގައި ސްޓްރެސް އިތުރުވަނީ މަސައްކަތުގެ މާހައުލުގައި ޖެހޭ މައްސަލަތަކުގެ ސަބަބުންނާއި، ފައިސާއާ ބެހޭ ކަންތައްތަކުގެ ސަބަބުންނާއި އަދި ބައިވެރިޔާ އާ އޮންނަ ގުޅުން ހީނަރުވުމުންނެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ޒުވާނުންގެ މެދުގައި ހެލިފެލިވެ އުޅުން މަދެވެ. އަދި ނިދި މަދުވުމާއި، ރަނގަޅު ކާނާ ކެއުން މަދުވުމާއި، ކަސްރަތުކުރުން މަދުވުމަކީ މިއަދު ޒުވާނުންގެ ތެރޭގައި ފެންނަ އާންމު ކަންކަމެވެ. ދުންފަތް ބޭނުން ކުރުން ވަނީ ޒުވާނުންގެ ތެރޭގައި ގިނަވެފަ އެވެ. އޭގެ ސަބަބުން ލޭ ދައުރުކުރުމުގައި މައްސަލަ ޖެހި އީޑީއަށް މަގުފަހިވާން މެދުވެރިވެ އެވެ. ވިމާ އީޑީއަކީ ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅިއާ ވެސް ގުޅިފައިވާ ކަމެއްކަމެވެ.
އީޑީގެ މައްސަލައަކީ ފަސޭހައިން ފަރުވާކުރެވޭ ސިއްހީ މައްސަލައެކެވެ. ނަމަވެސް އެ ބަލި އިތުރަށް ގޯސްވުމުގައި ބައްޔާ ބެހޭ މައުލޫމާތު ނެތުން ނުވަތަ އެކަމަށް ހޭލުންތެރި ނުވުން ހިމެނެ އެވެ. އަދި އިތުބާރު ކުރެވޭ ޕްރޮފެޝަނަލް ޑޮކްޓަރުންގެ ފަރުވާ ހޯދުމުގެ ބަދަލުގައި "ޓިކްޓޮކް" ޑޮކްޓަރުންގެ ލަފާ ހޯދުމަށް މަސައްކަތް ކުރެވުން ހިމެނެ އެވެ.