މި އަހަރުގެ އަޟްހާ އީދު ނަމާދު، މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމުގެ އިތުރުން 24 މިސްކިތެއްގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ފަހަކަށް އައިސް ފިތުރު އީދާއީ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ މާލެއާއި ވިލިމާލެ އަދި ހުޅުލޭގައި ވެސް މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ބިމުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު ޖުމްލަ 24 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ.

ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި އީދު ނަމާދުކުރުން ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ހަތަރު ސަރަޙައްދުގައި، އީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ.

އީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ގަ އެވެ.

މިފަހަރު އަޟްޙާ އީދު ދުވަހަކީ، މިމަހުގެ 6 ވާ ހުކުރު ދުވަހެވެ.