ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ހާން ރާއްޖެއަށް އަތުވެއްޖެ އެވެ.
އެމްއެމްޕީއާރްސީން ފަރާ އަށް ދިން މި ދައުވަތަކީ މިހާރު ފާހަގަ ކުރަމުން އަންނަ ބޮޑު އީދުގެ ހަރަކާތްތައް ދައްކާލާ، އޭނާ މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭއްވި ހަރަކާތެކެވެ.
މިގޮތުން އެމްއެމްޕީއާރްސީގެ ޓީމާއެކު ރާއްޖޭގެ ބައެއް ހިސާބުތަކުން ކޮންޓެންޓް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، ފަރާ ރަތްކުލައިގެ ކަސަބު ލިބާހެއް ލައިގެން ހުރި ވީޑިއޯއެއް އެމްއެމްޕީއާރުސީން ވަނީ ހިއްސާކޮށްފަ އެވެ. މި ވީޑިއޯގައި ފަރާ ވަނީ ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ކިޔާފަ އެވެ.
އޭނާގެ މި ޒިޔާރަތުގައި ފަރާގެ ޔޫޓިއުބްގައި އޭނާ ބޮލީވުޑްގެ ތަރިންގެ ގެތަކަށް ގޮސް ތަފާތު ކާ އެއްޗެހި ތައްޔާރުކޮށް ގެނެސްދޭ ވީޑިއޯތަކުގައި ހަރަކާތްތެރިވާ، އޭނާގެ އަމިއްލަ ކައްކާ ދިލިޕް ވެސް ބައިވެރިވި އެވެ. ފަރާގެ މި ވީޑިއޯތަކުގައި ދިލިޕާ އެކު އޮންނަ ވަރަށް ސަކަ، ސަމާސާ ގުޅުން ފެނިގެންދާތީ މި ވީޑިއޯތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެ އެވެ.
ރާއްޖެ އަށް ފުރުމުގެ ކުރުން މުމްބާއީ އެއާޕޯޓްގައި ރިޕޯޓަރުން ގާތު ފަރާ ބުނީ މިއީ ދިލިޕް ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރު ކަމަށްވާތީ ދަތުރު ވަރަށް ހާއްސަ ކަމަށެވެ.
ބޮލީވުޑް ގެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ފަރާ ޑައިރެކްޝަނަށް ނުކުތީ ޝާހްރުކް ޚާންގެ 2004 ގެ "މޭ ހޫ ނާ" އިންނެވެ. އޭގެ ފަހުން އޭނަ ޑައިރެކްޓަރު ފިލްމުތަކުގެ ތެރޭގައި "އޯމް ޝާންތީ އޯމް"، "ތީސް މާރު ޚާން" އަދި "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.
އޭނަގެ ފިރިމީހާ އަކީ "ޖާނޭމަން" އާއި "ޖޯކަރް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަދި އެޑިޓަރު ޝްރިޝް ކުންދަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެއްމާބަނޑު ތިން ކުދިންގެ މަންމަ، ފަރާ ވަނީ މީގެ ކުރިންވެސް ތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.