އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ރޭ ފަތިހު ދިން ހަމަލާތައް ރައީސް މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ހަމަލާތައް ކުށްވެރި ކުރައްވާ ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން އީރާނާ ދެކޮޅަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާނެ އަމަލުތަކެއް ކަމަށެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ސަރުކާރުން ވަނީ މިއަދު ބަޔާނެއްވެސް ނެރެފަ އެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާން އަށް ދިން މިހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.