އީރާނުން އިޒްރޭލަށް ހުއްޓުމެއްނެތި މިސައިލްގެ ރާޅުތައް ފޮނުވަމުން އެބަދެ އެވެ.

އިޒްރޭލުން ހުކުރު ދުވަހު ފަތިހު އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލުގައި ރޭން ފެށިގެން އީރާނުން އިޒްރޭލަށް ދަނީ ހަމަލާދެމުންނެވެ.

އިޒްރޭލްގެ ވެރިރަށް ޓެލްއަވީވް ގައި ސައިރަންގެ އަޑު ކެނޑިގެން ނުދާކަމަށް ހަބަރުތައް ބުނެ އެވެ. އިޒްރޭލުން އެމީހުންގެ އެއާ ޑިފެންސް ސިސްޓަމުން ހަމަލާތައް ކޮންޓްރޯލް ކުރަމުން ދާކަމަށް ބުނިނަމަވެސް، އީރާނުގެ ހަމަލާތައް ވަނީ އިޒްރޭލްގެ ޑިފެންސް ސިސްޓަމް ފޫއަޅުވާލައިފަ އެވެ.

އީރާނުން ހަމަލާދިނުމުގައި ބޭނުންކުރީ ހައިޕަ ސޮނިކް އަދި ބެލެސްޓިކް މިސައިލްތަކެއް ކަމަށްވެ އެވެ. އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ އެތައް ތަނެއް ބިމާ ހަމަކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުން އިޒްރޭލްގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސިފައިންގެ މަރުކަޒުތައް ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ހަމަލާތައް ދީފައިވާ ކަމަށެވެ.

އިޒްރޭލުންވެސް ގެންދަނީ އިއްޔެއިން ފެށިގެން ހުއްޓުމެއްނެތި އީރާނަށް ހަމަލާދެމުންނެވެ. އެގައުމުން ބުނަނީ މީ އީރާނުގެ ނިއުކްލިއާ ބާރުތަކާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ.

އިޒްރޭލުގެ ހަމަލާއެއް ތެހެރާނުގެ މެހެރަބަދު އެއާޕޯޓަށްވެސް އަމާޒުކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެ އެއާޕޯޓަކީ އީރާނުގެ ލީޑާޝިޕްގެ މުހިއްމު ސައިޓްތަކާއި ފައިޓާ ޖެޓްތަކާއެކު އެއާފޯސް ބޭސްއެއް ހިމެނޭ ތަނެކެވެ.

ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ފަހަތުގައި އޮތް އެމެރިކާއިން ބުނަނީ އީރާންގެ ޔުރޭނިއަމް ޕްރޮގްރާމާ ދެކޮޅަށް ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އީރާނާއެކު އެމެރިކާއިން މަޝްވަރާތައް މީގެކުރިން ކުރިއަށް ގެންގޮސްފައިވާއިރު، މިއަންނަ އާދީއްތަ ދުވަހު އޮމާންގައި ދެ ގައުމުން މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރުގެ ހާލަތާއެކު، މި މަޝްވަރާތައް ކުރިއަށް ގެންދިއުމާމެދު ދެގައުމުން ވަކި އެއްޗެއް ބުނެފައިނުވެ އެވެ.