މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ ޖައްވީ ދަތުރަށް އޭނާގެ ބައިވެރިޔާ އޯލޭންޑޯ ބްލޫމް ފާޑުކިޔުމުން ކޭޓީ ޕެރީ ހިތުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކޭޓީގެ އިތުރުންވެސް މުޅިން އަންހެނުން ހިމެނޭ ކްރޫއަކާއެކު އޭނާ ވަނީ ބްލޫ އޮރިޖިންސް ފްލައިޓެއްގައި ޖައްވަށް ގޮސްފަ އެވެ.
އެ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތައް އިންޓަނެޓުގައި މީމްތަކަށް ހަދައިގެން ކޭޓީއަށް ގިނަ ބަޔަކު މަލާމާތް ކުރާއިރު އޭނާ އެންމެ ބޮޑަށް ހިތުގައި ޖެހުނީ ބައިވެރިޔާ އޯލޭންޑޯގެ ބަހުން ކަމަށްވެ އެވެ.
އެގޮތުން ކޭޓީގެ އެ ދަތުރަކީ ލަދުވެތި ދަތުރެއް ކަމަށާއި އެކަމުގައި އެއްވެސް ޝައުގުވެރި ކަމެއް ނެތްކަން ދޭހަވާ މޭރުމަކުން އޯލޭންޑޯ ވަނީ ވާހަކަ ދައްކާފަ އެވެ.
މިއާއެކު އެ ދެމީހުންގެ ގުޅުމުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެގޮތުން ބިލިއަނަރު ޖެފް ބެޒޯސްގެ ކައިވެންޏަށް ވެސް އޯލޭންޑޯ ދާނީ ކޭޓީއާ ނުލާ އެކަނި ކަމަށް ބުނެވެ އެވެ.
މީގެ އިތުރުން ވެސް ކޭޓީގެ މި ފަހުގެ ނިންމުންތަކުގެ ސަބަބުން އޭނާއާއި އޯލޭންޑޯގެ ގުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ބުނެވެ އެވެ.
ކޭޓީ އޭނާގެ ވޯލްޑް ޓުއާގެ ތެރެއިން އޮސްޓްރޭލިއާގެ ދަތުރަށް ތައްޔާރުވާއިރު އޯލޭންޑޯ މިވަގުތު ހުރީ އެމެރިކާގެ ލޮސް އެންޖެލަސްގަ އެވެ.