ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް މައްސަލާގައި ދައުވާލިބޭ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވެ އުޅޭތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މަންޑޭ ހުރެ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި ގިނަ އަޑުއެހުންތަކަށް މަންޑޭ ހާޒިރެއް ނުވެ އެވެ.

އެހެންވެ, މިއަދުގެ އަޑުއެހުމަށް މަންޑޭ ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މަންޑޭ ކޯޓަށް ހާޒިރުނުވާން މެޑިކަލް ލިޔުންތަކެއް ހުށަހެޅި ނަމަވެސް ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ފާހަގަނުވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރުނުވާ ދުވަސްތަކުގައި މަންޑޭ ގެއިން ބޭރުގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، އޭނާ އެއްބާރުލުން ނުދޭތީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ އެންގެވި އެވެ.

މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. ނަމަވެސް އޭނާ ބަންދުކުރަން ކޯޓުން އަމުރެއް ނުކުރެ އެވެ.

އެ މައްސަލާގައި މަންޑޭގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.