މިމަހުގެ 13 ވަނަ އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގައި މަރާލިކަމަށް އެމީހުން ދައުވާ ކުރި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ގުދުސް ފޯސްގެ ވެރިޔާ ބްރިގާޑިއާ ޖެނެރަލް އިސްމާއިލް ގާނީ ދިރިހުއްޓާ ފެނިއްޖެ އެވެ.

ގާނީ ފެނިފައިވަނީ އިޒްރޭލުގެ މައްޗަށް އީރާނުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އުފާފާޅުކުރުން ތަކުގެ ތެރެއިންނެވެ.

މިގޮތުން އީރާނުގެ ތަސްނިމް ނިއުސް އެޖެންސީން އާއްމު ކުރި ވީޑިއޯއެއްގައި، ގާނީ އާއްމުންގެ ތެރެއިން ފެނިގެންދެ އެވެ. އަދި އޭނާ އާއްމުންގެ ތެރެއަށް ނުކުތުމުން ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ކިޔާ މަންޒަރުވެސް ފެނިގެންދެ އެވެ.

އިޒްރޭލުން ބުނި ގޮތުގައި އީރާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު އިން ޗީފް ޖެނެރަލް ހުސައިން ސަލާމީ އާއި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

ޝަހީދު ޖެނެރަލް ބަޣޭރީއަށްފަހު، އީރާނުގެ އަސްކަރިއްޔާގެ ވަގުތީ ކޮމާންޑަ އިން ޗީފްގެ މަގާމުގައި މިހާރު ހުންނެވީ އެޑްމިރަލް ހަބީބުﷲ ސަޔާރީ އެވެ.