ރާއްޖޭގެ އެންމެ މަގުބޫލު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ 16 ވަނަ އެޑިޝަން 24 އޮކްޓޯބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފި އެވެ.

ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުން ކަމަށްވާ ޑީއެމްއާރްއާރް ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގު ފުވައްމުލައް ރަން 2025 ވަނީ މި އަހަރު ފުވައްމުލަކުގައި ކާމިޔާބުކަމާއެކު ބާއްވައިފަ އެވެ.

މިކަމާ ގުޅިގެން ދިރާގުން ބުނީ، މި އަހަރު ވެސް ދުވުންތެރިންނަށް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެ ކަމަށާއި، 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް އަދި ރިޒޯޓުތަކުން 4 މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ ކަމަށެވެ.

ޑީއެމްއާރްއާރްގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މި ގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާކަމަށް ދިރާގުން ބުނެ އެވެ.

ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއްކަން ފާހަގަކުރަމުން ދިރާގުން ބުނީ މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިގޮތުން ދިރާގުން މިހާރު ވަނީ މިމަހުގެ 30 ގެ ނިޔަލަށް އެންޖީއޯ ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ.