80ގެ އަހަރުތަކަކީ ހޮލީވުޑަށް އަލިގަދަ ގިނަ ތަރިންތަކެއް ތައާރަފުވި ދުވަސްވަރެކެވެ. އެ އަހަރުތަކުގައި އަލަށް ތައާރަފްވި ޖޮނީ ޑެޕްއާއި ޓޮމް ކްރޫޒް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެ ތަރިންނަށް ވުރެ ވެސް އަލިގަދަ އަދި ކާމިޔާބު ތަރިއެއް އެ ދުވަސްވަރު އުފެދުނެވެ. އެހެން ނަމަވެސް އެ ތަރީގެ ނިމުމަކަށްވީ މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.
ކެމެރާގެ ކުރިމަތިން އެންމެ ފުރަތަމަ މައިކަލް ޖޭ ފޮކްސް ފެނުނީ 1970ގެ އަހަރުތަކުގައި ޗައިލްޑް އެކްޓަރެއްގެ ގޮތުގަ އެވެ. ލީޑު ރޯލަކުން އޭނާ ފުރަތަމަ ފެނުނީ 1982 ވަނަ އަހަރު ނެރުނު ސީރީޒް "ފެމިލީ ޓައިސް" އިންނެވެ.
އެހެން ނަމަވެސް އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ 1985 ވަނަ އަހަރުގެ ފިލްމު "ބެކް ޓު ދަ ފިއުޗާ"އިންނެވެ. އެ ފިލްމު ވަނީ 8 ހަފްތާ ވަންދެން ހޮލީވުޑް ޗާޓުތަކުގެ އެއްވަނައިގައި ރަސްކަން ކޮށްފަ އެވެ.
އޭގެ ފަހުން ވެސް ޖެހިޖެހިގެން ކަހަލަ ގޮތަކަށް ކާމިޔާބު ފިލްމުތަކެއް މައިކަލް ކުޅުނުއިރު އޭނާއަށް ގިނަ އެމީ އެވޯޑުތަކެއް ވެސް ލިބުނެވެ.
މައިކަލްގެ ކާމިޔާބަށް ކުޑަވެސް މަޑުޖެހުމެއް އައީ 1990 ވަނަ އަހަރު އޭނާއަށް ޕާކިންސަންސް ޑިޒީސް ޖެހިފައި ހުރިކަން އެނގުމުންނެވެ.
އެއާއެކު އެއްފަހަރާ ގިނަ ފިލްމުތަކަކަށް އޭނާ ސޮއިކުރި އެވެ. އޭގެ ތެރޭގައި ސަޕޯޓިން ރޯލުތައް ވެސް ހިމެނެ އެވެ. އެއާއެކު އޭނާ ވެގެން ދިޔައީ ލީޑު ތަރިއެއްގެ ބަދަލުގައި ސަޕޯޓިން އެކްޓަރަކަށެވެ.
1999 ވަނަ އަހަރު އެކްޓް ކުރުމުން ރިޓަޔާ ކުރިކަން މައިކަލް އިއުލާން ކުރި ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އޭނާ އެކި ރޯލުތަކުން ފެންނަމުން ދިޔަ އެވެ.
މިއަދު މައިކަލް ދިރިއުޅެމުން ދަނީ އޭނާގެ އާއިލާއާއެކު އެމެރިކާގެ މަލިބޫގައި ހޮލީވުޑްއާ ދުރުގައި ވަރަށް އަޑުމަޑު ހިމޭން ދިރިއުޅުމެކެވެ.