އިނގިރޭސިވިލާތުން ވެސް ސީރިއާ އާއެކު އަލުން ގުޅުން ބަދަހިކޮށް، އެގައުމަށް އެހީވާން ނިންމައިފި އެވެ.

ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ ގެ ސަރުކާރު އިނގިރޭސިވިލާތުން ބަލައިގެންފައިވާއިރު، 14 އަހަރު ފަހުން ސީރިއާ އަށް އެގައުމުގެ ފޮރިން މިނިސްޓަރަކު ވެސް ވަނީ ވަޑައިގެންފަ އެވެ.

މިގޮތުން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލައްމީ ސީރިއާ އަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ 129 ޑޮލަރުގެ އެހީ އެގައުމަށް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފަ އެވެ. ލައްމީ ވިދާޅުވީ އިނގިރޭސިވިލާތުގެ އަމާޒަކީ ސީރިއާގެ އާ ސަރުކާރަށް ތާއީދުކޮށް، ސީރިއާ އަށް ރައްކާތެރި މުސްތަގުބަލެއް ބިނާ ކޮށްދިނުން ކަމަށެވެ.

މީގެ އިތުރުންވެސް މިއަހަރުގެ އޭޕްރިލް މަހު އެގައުމުން ވަނީ ސީރިއާގެ ސެންޓްރަލް ބޭންކާއި ތެޔޮ ކުންފުނިތައް ހިމެނޭހެން އިތުރު އެހެން 23 މުއައްސަސާއެއްގެ މައްޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލާފަ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއިން ވެސް ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ، އެގައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ސީރިއާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.