ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބެއިރޫތަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރައީސް ޓްރަމްޕް، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، ލުބުނާނުގެ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ނަތަންޔާހޫގެ ސިޔާސަތުތަކަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައިވާ ކަމަށް އެކްސިއޯސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަން ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ދެ އޮފިޝަލުންނާއި މި ވާހަކަތަކުގެ މައުލޫމާތު އެނގޭ އިތުރު ބަޔަކާ ހަވާލާދީ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން ނަތަންޔާހޫއާ މުހާތަބު ކުރައްވާފަ އެވެ. އަދި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސް އެޅެމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި، އޭނާއަށް ޓްރަމްޕްގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުވެރި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަންގެ ޝަރީއަތްތަކަށް އިޝާރާތް ކުރައްވައި، ނަތަންޔާހޫ ޖަލަށް ނުގޮސް ސަލާމަތްވީ ޓްރަމްޕްގެ ސަބަބުން ކަމަށް ވެސް ވިދާޅުވި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"ކަލޭ ތިޔައީ ހަމަ އަސްލަށް ވެސް މޮޔައެއް. އަހަރެން ނެތް ނަމަ ކަލޭ އޮންނާނީ ޖަލުގައި. ކަލޭ ސަލާމަތް ކުރަނީ އަހަރެން. މިއަދު ދުނިޔޭގެ އެންމެން ވެސް ކަލޭދެކެ ފޫހިވޭ، އަދި މިކަމުގެ ސަބަބުން މުޅި ދުނިޔެ އިޒްރޭލާ ދެކޮޅުވެއްޖެ،" ޓްރަމްޕް ވިދާޅުވި ކަމަށް މި ވާހަކަތަކާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދީފިނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު އިތުރަށް އެކަހެރިވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ. މި ރިޕޯޓުގައިވާ ގޮތުން، ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދެމުންދާ ކަމާއި، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް އޮތްކަން ޓްރަމްޕް ގަބޫލުކުރައްވަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ނަތަންޔާހޫ އަމަލުކުރައްވަމުން ގެންދަވަނީ ހާލަތާ ނުބައްދަލު މިންވަރަށް މައްސަލަ ގޯސްވާނެ ފަދަ ގޮތަކަށް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެ އެވެ.
މި ފޯނު ކޯލަށްފަހު، ބެއިރޫތުގައި ހުރި ހިޒްބުﷲގެ އަމާޒުތަކަށް ހަމަލާދިނުމަށް ރާވާފައި އޮތް ރޭވުންތައް އިޒްރޭލުން މިހާރު މަޑުޖައްސާލާފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލަކު އެކްސިއޯސްއަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕް ކޯފާވި އެންމެ ބޮޑު އެއް ސަބަބަކީ، އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ބުރޫ އަރާފާނެތީ އެވެ. ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، ވޮޝިންޓަނާއެކު ކުރިއަށްދާ ވާހަކަތައް ހުއްޓާލާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލާއި ލުބުނާނުގެ ބޯޑަރުގައި ހަމަލާ ބަދަލުކުރުންތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިޒްރޭލުން ލުބުނާނުގެ ދެކުނުގައި އެއްގަމު މަގުން ހިންގާ ހަރަކާތްތައް ފުޅާކޮށްފައިވާއިރު، މިއީ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް ބަލައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކްސިއޯސްއިން ބުނާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މާއްދާތަކެއް ހިމެނެ އެވެ. މިއީ މީގެ ކުރިން ވެސް ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާ މައުޟޫއެކެވެ.
ޖޭލޯއާއި ބްރެޓްގެ ލޯބީގެ އަޑުތަކުގެ ހަގީގަތް ހާމަ ކޮށްފި