ޔަމަނުގެ ހޫތީ ހަރަކާތުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި އެވެ. މި ހަމަލާތައް ދީފައިވަނީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއާޕޯޓަކަށް ސައުދީން ބޮން އެޅިކަމަށް ތުހުމަތުކުރުމަށްފަހުގަ އެވެ. މިއާއެކު، ސައުދީއާއި އީރާނަށް ތާއީދުކުރާ ހޫތީ ގްރޫޕާ ދެމެދު ހަތަރު އަހަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބުރޫއަރާފަ އެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ހޫތީ ހަނގުރާމަވެރިން ސައުދީގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ސައުދީ ސިފައިން ވައިގެ ތެރޭގައި ގޮއްވާލައި ހުއްޓުވާފައި ވާކަމަށް ވަނީ ބުނެފަ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، އެމީހުން ހަމަލާ އަމާޒުކުރީ ސައުދީގެ ދެކުނުގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އަބްހާގައި ހުންނަ ބައިނަލްއަގުވާމީ އެއާޕޯޓަށް ކަމަށެވެ. މިއީ ހޫނު މޫސުމުގައި ގިނަ އަދަދެއްގެ ސައުދީ ރައްޔިތުން ޒިޔާރަތްކުރާ ސަރަހައްދެކެވެ.
މިއީ 2022 ވަނަ އަހަރުގެ މާޗް މަހު ހޫތީން ސައުދީގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދިނުމަށްފަހު، ނުރަސްމީކޮށް ހަނގުރާމަ ހުއްޓާލި ފަހުން، ސައުދީއާ ދެކޮޅަށް ހޫތީން ހަމަލާއެއް ދިން ކަމަށް އިއުތިރާފުވި ފުރަތަމަ ފަހަރެވެ. ހޯމަ ދުވަހުގެ މި ހަމަލާތަކާ ގުޅިގެން، ސައުދީގެ ދެކުނު ބޯޑަރުގައި އަނެއްކާވެސް ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިއުމުގެ ބިރު ވަނީ ހީވެފަ އެވެ.
ގަލްފުގެ އެހެން ކުދި ގައުމުތަކާ އަޅާބަލާއިރު ސައުދީއަކީ ބޮޑު ގައުމަކަށް ވުމުން، ހަނގުރާމައިގެ ތެރޭގައިވެސް އެ ގައުމުގެ އިގްތިސާދު ވަނީ ކޮންމެވެސް ވަރަކަށް ހިފަހައްޓާފަ އެވެ. އެގޮތުން ހޮރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގެ ބަދަލުގައި، އިރުމަތިން ފެށިގެން ހުޅަނގު އައްސޭރިއާ ހަމައަށް އަޅާފައިވާ ހޮޅިލައިންތައް މެދުވެރިކޮށް ރަތްކަނޑުގެ ބަނދަރުތަކުން ތެޔޮ އެކްސްޕޯޓް ކުރުން ސައުދީން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް، މީގެ ކުރިން ރަތްކަނޑުގެ އާގުބޯޓުފަހަރަށް ހަމަލާދީފައިވާ ހޫތީންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަނގުރާމައެއް ފެށިއްޖެނަމަ، މި މަސައްކަތަށް ގޮންޖެހުންތަކާ ކުރިމަތިވެދާނެ އެވެ. މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ މީޑިއާ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު، ޔަމަނުގެ އުތުރު ކޮންޓްރޯލްކުރާ ހޫތީން ވަނީ ސައުދީ އަރަބިއްޔާއިން ސަންއާގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، ބަދަލުހިފާނެ ކަމަށް ބުނެފަ އެވެ. ހޫތީން ސިފަކުރި ގޮތުގައި މިއީ ފާޅުކަން ބޮޑު އުދުވާނެއް ކަމަށާއި، މިއާއެކު ހަނގުރާމައިގެ މަސްރަހު ފިނިކުރުމަށް އޮތް މުއްދަތު ނިމުމަކަށް އައީ އެވެ. އަދި ސަންއާ އެއާޕޯޓަށް އަޅާފައިވާ ހިސާރު އުވާލަންދެން، ސައުދީގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށް އެއާލައިންތަކަށް އެ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ.
ސަންއާ އެއާޕޯޓަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ސައުދީގެ ފުރިހަމަ ތާއީދު އޮންނަ، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ޔަމަނުގެ ސަރުކާރުންނެވެ. ޔަމަނު ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނީ ސަންއާ އެއާޕޯޓުގެ ރަންވޭއަށް ހަމަލާދިނީ، ޔަމަނުގެ ސިޔާދަތާ ހިލާފަށް އީރާނުގެ ބޯޓެއް އެތަނަށް ޖެއްސުން ހުއްޓުވުމަށް ކަމަށެވެ. އަދި ޔަމަނުގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ދުޝްމަން މަތިންދާބޯޓަކަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހަމަލާދޭނެ ކަމަށާއި، މިކަމުގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް ބުންޏެވެ. ފަހުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބޯޓު ވަނީ ހޫތީންގެ ކޮންޓްރޯލް ދަށުގައި އޮންނަ ހުދައިދާ އެއާޕޯޓަށް ޖައްސާފަ އެވެ.
ގިނަ އަހަރުތަކެއްވީ ހަނގުރާމަ އަލުން ހޫނުވުން
ޔަމަނު ސަރުކާރުގެ އެހެން ވަޒީރަކު ވިދާޅުވި ގޮތުގައި، ހޫތީން ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) ގެ މަތިންދާބޯޓެއްވެސް ސަންއާ އެއާޕޯޓުގައި ހިފަހައްޓާފަ އެވެ. ނަމަވެސް އައިސީއާރުސީގެ ތަރުޖަމާނު ހާޝިމް އުސައިރާން ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ބޯޓުގެ ފަޅުވެރިންނާއި މުވައްޒަފުން ތިބީ ސަލާމަތުން ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި، އައިސީއާރުސީ މެދުވެރިވެގެން ކުރިއަށްގެންދިޔަ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފަ އެވެ. މިއީ ދެ ފަރާތުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.
ޔަމަނަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދާހިލީ ހަނގުރާމައާއި ބޭރުގެ ބާރުތަކުގެ ނުފޫޒު އޮތް ހަނގުރާމައެއް ތަހައްމަލު ކުރަމުންދާ ގައުމެކެވެ. 2015 ވަނަ އަހަރު ސައުދީ އިސްވެ އޮވެ ހޫތީންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ ވަނީ ކުރިމަތިވެފަ އެވެ.
2022 ވަނަ އަހަރު ސައުދީއާއި ހޫތީންނާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާތަނަށް ދެމިއޮތް ނަމަވެސް، އިޒްރޭލާއި ގައްޒާގެ ހަނގުރާމައާ ގުޅިގެން ރަތްކަނޑުގެ ބޯޓުފަހަރަށް ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ