ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް އިތުރުވެ، އެމެރިކާ އާއި އީރާނުން އެއްބަޔަކު އަނެއް ބައެއްގެ އުމްރާނީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭން ފަށައިފި އެވެ.

ވޭތުވެދިޔަ ހަތް ރޭ މަތިން އެމެރިކާއިން އީރާނަށް މެދުނުކެނޑި ހަމަލާދެމުންދާއިރު، އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ ރައްދުދީފަ އެވެ. މި ހަމަލާތަކުގައި ދެ ފަރާތުން ވެސް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އުމްރާނީ ވަސީލަތްތަކަށެވެ. މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް ވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ.

ކަނޑުމަތީގައި ހިނގަމުންދާ މި ކުރިމަތިލުންތަކުގެ ސަބަބުން ގަލްފުން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ވަނީ އަނެއްކާ ވެސް ބުރޫއަރާފަ އެވެ. މިގޮތުން އެމެރިކާގެ މެރިންސް ވަނީ ހޮރްމުޒް ކަނޑުއޮޅު ކައިރިން ތެޔޮ ޓޭންކަރަކަށް އަރާފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަނޑުއޮޅުގެ ދެކުނުން މައިން އަޅާފައިވާ ސަރަހައްދަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއްގައި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވެ އެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މި ހަބަރު ދޮގުކޮށްފަ އެވެ.

މީގެ އިތުރުން، ޔަމަނު ކައިރިން ހަތިޔާރު އެޅި ބަޔަކު އެހެން އުޅަނދެއް ހިފަހައްޓާފައިވާއިރު، މިއީ ރަތް ކަނޑުގެ ދޮރުމަތީގައި އޮންނަ ތެޔޮ އުފުލާ މުހިންމު ސަރަހައްދުގެ ސަލާމަތީ މަސްރަހާ މެދު ކަންބޮޑުވުން އިތުރުވެގެންދިޔަ ކަމެކެވެ. އީރާނުގެ ދައުލަތުގެ ޓީވީން ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ ބުނެފައި ވަނީ، އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓާނުލަނީސް، އެ ސަރަހައްދުން ކެމިކަލް ފާޓިލައިޒާ ނުވަތަ އެންމެ ތެޔޮ ތިއްކެއް ވެސް ބޭރުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ކަނޑުއޮޅު ގަވާއިދާ ހިލާފަށް ހުރަސްކުރަން އުޅުނު ހަތަރު އުޅަނދެއް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހުއްޓުވާފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

ވޭތުވެދިޔަ ހަފުތާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވިގެން ދިޔުމާއެކު، ވޮޝިންޓަނާއި ތެހެރާނުން ދަނީ ދެ ގައުމުގެ މެދުގައި ދޭ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. މީގެ ސަބަބުން ފުރިހަމަ ހަނގުރާމައަކަށް މަސްރަހު ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ތިން އިންސައްތަ މައްޗަށް ގޮސްފަ އެވެ. މިއީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އިންތިހާބާ ކުރިމަތިލައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވާނެ ސިޔާސީ ފިއްތުމެކެވެ.

ރައީސް ޓްރަމްޕް ވަނީ އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އީރާނުގެ އައްސޭރިފަށަށް ނުވަތަ ރަށްތަކަށް އެއްގަމު މަގުން އަރައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުން ގަލްފުގެ ގައުމުތަކުގެ މުހިންމު ވަސީލަތްތަކަށް ހަމަލާދިނުމަށް ނުވަތަ ޔަމަނުގައި ތިބި އީރާނުގެ ބައިވެރިން މެދުވެރިކޮށް ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ހުރަސް އެޅުމަށް މަގުފަހިވެގެން ހިނގައިދާނެ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު އީރާނުގެ ހޮރްމުޒްގާން ޕްރޮވިންސަށް ދެވުނު ހަމަލާތަކުގައި ތިން މީހުން މަރުވެ، އަށް މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ. މީގެ އިތުރުން ދެ ބުރިޖަކަށާއި އިތުރު ސަރަހައްދަކަށް ގެއްލުން ލިބިފައިވެ އެވެ. އީރާނުގެ ލީޑަރުގެ އެޑްވައިޒަރު މުހުސިން ރެޒާއީ ވަނީ އެމެރިކާގެ ހަމަލާތައް ކުރިއަށްދާނަމަ، އީރާނުން ފުރިހަމަ ހަމަލާގެ މަރުހަލާއަކަށް ބަދަލުވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އީރާނުން ވަނީ ބަހްރޭން، ގަތަރު އަދި ކުވޭތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަން އިއުލާންކޮށްފަ އެވެ. ކުވޭތުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި ބަހްރޭންގައި ހުންނަ އެމެރިކާގެ ޑްރޯން ރައްކާކުރާ ތަނަކަށާއި، ބަހްރޭންގެ އާޓިފިޝަލް އިންޓެލިޖެންސް ސެންޓަރަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި އެ ފަރާތުގެ ހަމަލާތައް އަމާޒުކުރަނީ އަސްކަރީ ލޮޖިސްޓިކް ވަސީލަތްތަކަށެވެ. އީރާނުގެ ކަނޑުގެ ސިފައިން ވަނީ އިންޑިއާ ކަނޑުގެ އުތުރުގައި އޮތް އެމެރިކާގެ އުޅަނދަކަށް އަމާޒުކޮށް ކްރޫޒް މިސައިލެއް ފޮނުވާލާފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ވެސް ވަނީ ސަލާމަތީ އިންޒާރުތައް ނެރެފަ އެވެ.