ދިވެހި ރުފިޔާގެ އަގު އަރައި ޑޮލަރުގެ އަގު ތިރިވަންދެން، ސަރުކާރުން ކުރާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް މަޑުޖައްސާލައި ހަމައެކަނި އަސާސީ ކަންކަމަށް ހަރަދުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިވަގުތު ސަރުކާރުން ހަރަދު ކުރަންޖެހޭނީ ހަމައެކަނި އަސާސީ ކަންކަމަށް ކަމަށެވެ. އަދި ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެހެން އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށާއި، އުމްރާނީ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލްތަކަށް މަސައްކަތްތައް ބަދަލުކުރުންސަރުކާރުގެ ބަޖެޓަށް ލުއި ހޯދުމުގެ ގޮތުން، ރަށްރަށުގައި ނުނިމި ހުރި މަސައްކަތްތަކުން ސަރުކާރުން އަތް ދޫކޮށްލުމަށް ނަޝީދު ވަނީ ލަފާދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަންކަން ރަށު ކައުންސިލްތަކާ ހަވާލު ކުރުމުން ކުރިއަށްދާނެ ކަމަށާއި، ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައިގެން ކައުންސިލްތަކުން އެ މަސައްކަތްތައް ނިންމިދާނެ ކަމަށެވެ. މިއީ މަރުކަޒީ ސަރުކާރުގެ މާލީ ބުރަ ކުޑަކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވި ހައްލެކެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު ވަނީ ފަހުގެ ތާރީހެއްގައި ނުދާހާ މައްޗަށް ގޮސްފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.25 ރުފިޔާއަށް އަރާފައިވާއިރު، މިކަން މެދުވެރިވީ ރިކޯޑު މިންވަރަކަށް ދަރަނި ދައްކަންޖެހުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ ސަބަބުންނެވެ.