އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އޮތް ޑިމާންޑާއެކު ބާޒާރަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، ޗިޕް އުފައްދާ ނިވީޑިއާ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އެޕަލް ކުންފުނިން އަލުން ހޯދައިފި އެވެ.
ނިވީޑިއާގެ މާކެޓް ވެލިއު ނުވަތަ ބާޒާރުގެ އަގު 3.5 އިންސައްތަ ދަށަށް ދިއުމާ ގުޅިގެން، އެޕަލްގެ އަގު މިހާރު ވަނީ 4.88 ޓްރިލިއަން ޑޮލަރަށް އަރާފަ އެވެ. ނިވީޑިއާގެ އަގު މިހާރު ހުރީ 4.86 ޓްރިލިއަން ޑޮލަރުގަ އެވެ. މިއީ ފާއިތުވި އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ކެލިފޯނިއާގެ ކުޕަޓީނޯއަށް ނިސްބަތްވާ އައިފޯން އުފައްދާ ކުންފުނިން މި މަގާމު ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން މިދިޔަ އޮކްޓޯބަރު މަހު ނިވީޑިއާ އިން ވަނީ 5 ޓްރިލިއަން ޑޮލަރުގެ އަގަކާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބު ހޯދާފަ އެވެ.
މިދިޔަ މަހު އެޕަލް އިން ވަނީ އެ ކުންފުނީގެ ޕާސަނަލް އެސިސްޓަންޓް "ސިރީ" އަށް އޭއައިގެ އެހީގައި ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ސަބަބުން ބޭނުންކުރާ މީހާގެ ސުވާލުތައް އޭގެ މާހައުލާ އެއްގޮތަށް ދެނެގަތުމާއި، އިންޓަނެޓުން ވަގުތުން މައުލޫމާތު ހޯދުމާއި އަދި އުނދަގޫ މަސައްކަތްތައް ފަސޭހަކަމާއެކު ކުރުމުގެ ގާބިލުކަން ސިރީއަށް ލިބިގެންދެ އެވެ.
"ފައުންޑާ އީޓީއެފް" ގެ ބާނީ މައިކަލް މޮނަގަން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި، ބާޒާރުގެ މިސްރާބު މިހާރު ހުރީ ހަމައެކަނި އޭއައި މޮޑެލްތައް އުފައްދާ މީހުންނަށްވުރެ ބޮޑަށް، އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންވާ ފަދަ ނަތީޖާތަކެއް ނެރެދޭ ކުންފުނިތަކަށެވެ. މީގެކުރިން އެޕަލް އިން އޭއައިއަށް ކުރާ ހޭދަ ކުޑަވުމުން އިންވެސްޓަރުން ސުވާލު އުފެއްދި ނަމަވެސް، މިހާރު އެކަން ބެލެވެނީ އެޕަލްއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ. ސަބަބަކީ ކްލައުޑް އިންފްރާސްޓްރަކްޗާ ފަދަ ބޮޑެތި ކަންކަމަށް ބޮޑު ހޭދައެއް ނުކޮށް، ކަސްޓަމަރުން ބޭނުންވާ އޭއައިގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު އެޕަލްއަށް އޮތުމެވެ.
މި ކުރިއެރުން އައިސްފައިވަނީ ޖުލައި 30 ގައި އާންމުކުރަން ހަމަޖެހިފައިވާ އެޕަލްގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގެ ކުރިންނެވެ. މިދިޔަ ކުއާޓަރުގައި އެޕަލްގެ އިސްވެރިން ވަނީ ވިޔަފާރި 14 އިންސައްތައާއި 17 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.
އޭއައިގެ ދާއިރާގައި އެޕަލް އުޅުނީ އެހެން ކުންފުނިތަކަށްވުރެ ފަހަތުގަ އެވެ. ނަމަވެސް، އައިފޯން ބޭނުންކުރާ މީހުންގެ ގިނަ އަދަދެއްގެ ޒާތީ މައުލޫމާތު އެ ކުންފުނީގެ އަތުގައި ހުރުމަކީ އޭއައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ. މޮނަގަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ އެޕަލްގެ ބާނީ ސްޓީވް ޖޮބްސް ގެންގުޅުއްވި ކަސްޓަމަރުންގެ ތަޖުރިބާއިން ފަށައިގެން ޓެކްނޮލޮޖީއާ ހަމައަށް ވާސިލުވުމުގެ ފަލްސަފާގެ ކުރިއެރުމެކެވެ.
މި ބަދަލުތައް އަންނަނީ އެޕަލްގެ ސީއީއޯ ޓިމް ކޫކް، އަންނަ ސެޕްޓެމްބަރު މަހު ކުންފުނީގެ ހިންގުން ޖޯން ޓާނަސްއާ ހަވާލުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ޓާނަސްއަކީ 2021 ވަނަ އަހަރުން ފެށިގެން އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މެސީ އާއި ޔަމާލްގެ ފުރަތަމަ ފެނުން: މެސީއަށް ގަބޫލުކުރަން ދަތި
ގަދަ އަވީގައި ވެސް ހޫނުނުވާ ހުދު ވެލީގެ ސިއްރު!
މޫނު އުޖަލާ ކުރުމަށް ޒިކޫގެ މަސާޖް ވަރެއް ނެތް!