ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރި މީހުންގެ ޝަރީއަތަށް ދައުވާ ލިބޭ މީހަކު ކޯޓަށް ހާޒިރު ނުކުރެވި، ހުކުމް ނުކުރެވިގެން އުޅޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޖޫން 2020 ގައި ހުޅުމާލެއިން ހައްޔަރުކޮށް، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައި ވަނީ ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް އަދި ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ބާއްވައި ނިންމުމަށްފަހު، ހުކުމް އިއްވުމުގެ މަޖިލިސް އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ އޭޕްރީލް 12 އަށެވެ. ނަމަވެސް އޭގެ ފަހުން ތަކުރާރުކޮށް ހަތް ފަހަރެއްގެ މަތިން ހުކުމް އިއްވުން ތާވަލުކުރި އިރު ވެސް، ދައުވާ ލިބޭ ޝަރީފް ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އޭނާ ފިލައިގެން އުޅޭތީ ބަންދުކޮށްގެން ކޯޓަށް ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެ، އޭޕްރީލް މަހު އޭނާ ހޯދަން އާންމުކޮށް އިއުލާން ކުރި ނަމަވެސް، މިހާތަނަށް ފުލުހުންނަށް އޭނާ އަތުލައިގަނެވިފައެއް ނުވެ އެވެ.
ކޯޓުން ހާމަކުރި ގޮތުގައި މީނާ ހާޒިރު ނުކުރެވުމުގެ ސަބަބުން މުޅި މައްސަލައިގެ ނިންމުން އިއްވުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މަސްތުވާތަކެތީގެ ބޮޑު ކުށުގެ ރިކޯޑެއް އޮންނަ އަދި މި ވިޔަފާރީގެ ތުހުމަތުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ޝަރީފް ބަންދުން ދޫވެފައި ހުރީ، ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން އެދިގެންނެވެ. އެއީ އޭނާގެ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ރާއްޖެއިން ބޭރުން ކުރުމަށްޓަކައި، ކަރެކްޝަންސްގެ ބަންދުގައި ހުރެގެން ފުރުމުގެ އިންތިޒާމުތައް ލަސްވާތީ ކަމަށް ބުނެ އެވެ. އޭގެ ފަހުން އޭނާ އަލުން ބަންދުކޮށްފައި ނުވާއިރު، މި މައްސަލައިގައި ދެން ހިމެނޭ އަފްސަލް ރަޝީދު ވެސް ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ދައުލަތުން އިހުމާލުވެފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެންސިސްގެ ބިމުން 6.8 ކިލޯގެ ކެނަބިސް އަތުލައިގަނެފައިވާ އިރު، މައްސަލައިގެ ހުކުމް ނުއިއްވި ދިގުލައިގެން ދިއުމުން ގާނޫނީ ދާއިރާގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
މޫނު އުޖަލާ ކުރުމަށް ޒިކޫގެ މަސާޖް ވަރެއް ނެތް!
އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކައި ދުރުވާންޖެހޭ 5 ހާލަތެއް!
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި