ވަރުބަލިކަން ފިލުވާލުމަށާއި، ހަށިގަނޑަށް އިތުރު ހަކަތައެއް ހޯދުމުގެ ގޮތުން ގިނަ ބަޔަކު ބޭނުންކުރާ އެނާޖީ ޑްރިންކްސް ތަކަކީ ހިތުގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ، މަޝްހޫރު ކާޑިއޮލޮޖިސްޓް ޑރ. އަޝުތޯޝް ކުމާރު އިންޒާރު ދެއްވައިފި އެވެ.
ޑރ. އަޝުތޯޝް ވިދާޅުވި ގޮތުގައި، މިފަދަ ބުއިންތަކުގެ ސަބަބުން ހިތުގެ މަސައްކަތް ތަކަށް ވަގުތުން ބޮޑެތި ބަދަލު ތަކެއް އާދެ އެވެ.
އެނާޖީ ޑްރިންކްސް ބުއިމުން ހިތަށް ވަނީ ކިހިނެއް؟
މި ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެއިން އަދި ހަކުރު އެކުލެވިގެންވެ އެވެ. މީގެ އިތުރުން ހަށިގަނޑަށް އަވަސް ހަކަތައެއް ދިނުމަށްޓަކައި ޓައުރިން އަދި ގުއަރާނާ ފަދަ މާއްދާތައް ހިމަނާފައި ހުރެ އެވެ. ޑރ. އަޝުތޯޝް ފާހަގަ ކުރެއްވި ގޮތުގައި މި މާއްދާ ތަކުގެ ސަބަބުން ހިތަށް ތިރީގައިވާ ނޭދެވޭ އަސަރުތައް ކުރެ އެވެ.
- ލޭގެ ޕްރެޝަރު މަތިވުން: މި ބުއިންތައް ބޯލުމާއެކު ހަށިގަނޑުގެ ލޭގެ ޕްރެޝަރު ކުއްލިއަކަށް މަތިވެ އެވެ.
- ހިތުގެ ހިނގުން އަވަސްވުން: ހިތް ތެޅޭ މިންވަރު އާދަޔާ ހިލާފަށް އަވަސްވެ، ހިތުގެ ވިންދު ޖެހުމުގެ ނިޒާމަށް ބުރޫއަރަ އެވެ.
- ހިތުގެ މަސްތަކަށް ބާރު ބޮޑުވުން: ލޭހިނގުން އަވަސްވުމުގެ ސަބަބުން ހިތުން ލޭ ފޮނުވައިދޭން ކުރަންޖެހޭ މަސައްކަތް އިތުރުވެ، ހިތަށް ބާރު ބޮޑުވެ އެވެ.
ޒުވާނުންނަށް އޮތް ނުރައްކާ ބޮޑު!
ޑޮކްޓަރު ވިދާޅުވި ގޮތުގައި، ހާއްސަކޮށް ޒުވާނުންނާއި ފުރާވަރު ކުދިން މިންވަރަށްވުރެ ގިނައިން އެނާޖީ ޑްރިންކްސް ބޭނުން ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މީގެ ސަބަބުން ޒުވާން އުމުރުގައި ހިތުގެ މައްސަލަތައް ދިމާވުމާއި، ކުއްލިއަކަށް ހިތް ހުއްޓުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެ އެވެ.
"ގިނަ ފަހަރަށް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ވަރުބަލިކަން ފިލުވައިދޭ ރައްކާތެރި ބުއިމެއް ކަމަށް. ނަމަވެސް، މީގައި ހުންނަ މާއްދާތަކަކީ ހިތުގެ ވިންދަށް ސީދާ އަސަރުކުރާ އެއްޗެހި،" ޑރ. އަޝުތޯޝް ކުމާރު ވިދާޅުވި އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެނާޖީ ޑްރިންކްސް ބުއިމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ގުދުރަތީ ގޮތްތައް ހިޔާރު ކުރުމަށް ޑޮކްޓަރުން ލަފާދެ އެވެ.
- ގިނައިން ފެން ބުއިން: ހަށިގަނޑުން ފެން މަދުވުމަކީ ވަރުބަލިވާ މައިގަނޑު ސަބަބެކެވެ.
- ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން: މޭވާއާއި ތަރުކާރީން ލިބޭ ހަކަތައަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ހަކަތަ އެވެ.
- ގަވާއިދުން ކަސްރަތު ކުރުން: މީގެ ސަބަބުން ހިތުގެ ހިނގުން ރަނގަޅުވެ، ހަށިގަނޑުގެ ބާރު އިތުރުވެ އެވެ.
ނަމަނަމަ ކޮންޓެކްޓް ލެންސްއާއެކު ނުނިދާތި!
މި މަހުގެ ޓޫރިސްޓުން އައި އަދަދު 3.5 ޕަސެންޓް ދަށް
ވޯލްޑް ކަޕްގައި އެންމެ ދިގު ހާފް ޓައިމް ބްރޭކް ދޭނީ މިރޭ