މިރޭ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު، ފީފާގެ ރީސޭލް ޕްލެޓްފޯމުގައި މިހާރު ވަނީ 2.3 މިލިއަން ޑޮލަރަށް އުފުލިއްޖެ އެވެ.
އެމެރިކާގެ ތާރީހުގައި ވެސް ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު ހަރަކާތުގެ ގޮތުގައި ބެލެވޭ މި މެޗުގައި ބައްދަލުކުރަނީ ލިއޮނަލް މެސީގެ އާޖެންޓީނާ އާއި ސްޕޭނުގެ ޒުވާން ތަރި ލަމީން ޔަމާލް އެވެ. މެޗު ފެށުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައި ވަނިކޮށް، ޓިކެޓްގެ އަގުތައް ވަނީ އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފަ އެވެ.
ފީފާގެ ރަސްމީ ސައިޓުން ގިނަ ޓިކެޓްތައް ވިކި ހުސްވެފައިވާއިރު، ރީސޭލް މާކެޓުގައި ޓިކެޓްތަކުގެ އަގު އުޅެނީ 10,000 ޑޮލަރާއި 2.3 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
މި ފަހަރުގެ މުބާރާތުގައި ފީފާ އިން އަލަށް ތައާރަފްކުރި ޑައިނަމިކް ޕްރައިސިން ނިޒާމުގެ ސަބަބުން، ޑިމާންޑް އޮންނަ މިންވަރަށް ބަލައި ޓިކެޓްގެ އަގުތައް ދަނީ ވަގުތުން ވަގުތަށް ބަދަލުވަމުންނެވެ.
މާހިރުން ބުނާ ގޮތުގައި، ފީފާ އިން ބޭނުންކުރާ "ސްލޯ ޓިކެޓިން" އުކުޅުގެ ސަބަބުން، ޓިކެޓް މަދުކަން ދައްކައިގެން މާކެޓްގެ ޑިމާންޑް އިތުރަށް މަތިކުރެ އެވެ.
ސީޓްގީކް އިން ބުނިގޮތުގައި، މި ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު 2024 ވަނަ އަހަރުގެ ސުޕަ ބޯލްގެ އަގުތަކަށް ވުރެ ވެސް 8 އިންސައްތަ ބޮޑެވެ. މި މުބާރާތުގެ 99.7 އިންސައްތަ ގޮނޑި ފުރިފައިވާއިރު، މިއީ ފީފާގެ މާލީ ނިންމުންތައް ކާމިޔާބުވެފައިވާ ކަމުގެ ހެއްކެކެވެ.
ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައެއް ސަޕޯޓަރުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިއީ ހަމައެކަނި ތަނަވަސްކަން ހުރި މަދު ބަޔަކަށް ބޭއްވި ވޯލްޑް ކަޕެއް،" ފުޓްބޯޅަ ސަޕޯޓަރުންގެ ޖަމިއްޔާއެއްގެ އިސްވެރިޔާ ރޮނާން އެވިން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ވިސާގެ ދަތިތަކާއި އިންތިހާ އަށް ބޮޑު އަގުތަކުގެ ސަބަބުން، އާންމު ސަޕޯޓަރުންނަށް މި ފުރުސަތު ވަނީ ގެއްލިފަ އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ނިމިގެންދާއިރު، މިއީ ފުޓްބޯޅަ އާންމު ރައްޔިތުންގެ ކުޅިވަރަކުން، މުއްސަނދިންގެ މުނިފޫހިފިލުވުމަކަށް ބަދަލުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޓީވީ އެކްޓަރު ޖެނިފާ ދެވަނަ ފަހަރަށް ކައިވެނި ކޮށްފި
ތިލަފުށީ ޕޯޓުގެ ކީ- ވޯލް ހެދުން ޗައިނާ ކުންފުންޏަކަށް
ލުބްނާނުގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވަނީ