ރޭގަނޑު ދަންވަރު ކުއްލިއަކަށް ފޮނި އެއްޗެއް ނުވަތަ ކުޅި އެއްޗެއް ކާހިތްވެގެން އުޅުމަކީ ގިނަ މީހުންނަށް ކުރިމަތިވާ އާންމު ކަމެކެވެ. މިއީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުން ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް، ފިޓްނަސް ކޯޗު ރާޖް ގަންޕަތު ވިދާޅުވާ ގޮތުގައި މިއީ އެތެރެ ހަށީގެ ނިޒާމުތަކުން ދޭ ސިއްހީ އިޝާރާތެކެވެ.
ރާޖް ފާހަގަ ކުރެއްވި ގޮތުގައި، ދަންވަރު ގަޑީގައި ކާހިތްވުމާ ނިދިއާއި، ސްޓްރެސް އަދި މެޓަބޮލިކް ސިއްހަތާ އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ.
1. ނިދި މަދުވުމާއި "ހޯމޯނަލް އިމްބެލެންސް"
ރަނގަޅަށް ނިދި ނުލިބުމަކީ ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތަކަށް ސީދާ އަސަރުކުރާ ކަމެކެވެ.
- ގްރެލިން: ނިދި މަދުވުމުން ބަނޑުހައިކަން އިހުސާސް ކޮށްދޭ "ގްރެލިން" ހޯމޯން އިތުރުވެ އެވެ.
- ލެޕްޓިން: ނިދި މަދުވުމަކީ ބަނޑު ފުރިއްޖެކަން އަންގައިދޭ "ލެޕްޓިން" ހޯމޯންގެ މިންވަރު ދަށްވާ ކަމެއް ވެސްމެ އެވެ.
މީގެ ސަބަބުން ހަށިގަނޑަށް އަސްލު ކެއުން ބޭނުންނުވި ނަމަވެސް، ސިކުނޑިއަށް ބަނޑުހައި ވެފައިވާ ކަމުގެ އިހުސާސް ކުރެވި، ހަކަތަ އަވަހަށް ލިބޭ ފަދަ ކާބޯތަކެތި ކާހިތްވެ އެވެ.
2. ސްޓްރެސް އަދި ކޯޓިސޯލް
ދުވާލު ގަޑީގައި ތަހައްމަލުކުރާ ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި "ކޯޓިސޯލް" ހޯމޯން އިތުރުވެގެންދެ އެވެ. ރޭގަނޑު ހަމަޖެހިލައިގެން އިންނަ ވަގުތު ސިކުނޑި ބޭނުންވަނީ އެ ސްޓްރެސްއިން ދުރުވެ "އަރާމު" އިހުސާސް ކުރާށެވެ.
ފޮނި އަދި ތެޔޮ ކާތަކެތި ކެއުމުން ސިކުނޑިން އުފައްދާ "ޑޮޕަމައިން" (އުފާވެރިކަން އިހުސާސްކޮށްދޭ މާއްދާ)ގެ ސަބަބުން ވަގުތީ ހިތްހަމަޖެހުމެއް ލިބެ އެވެ. އެހެންކަމުން ދަންވަރު ކާހިތްވަނީ ހަށިގަނޑު ބަނޑުހައިވެގެންނެއް ނޫނެވެ ސްޓްރެސް ފިލުވާލުމަށެވެ.
3. މެޓަބޮލިޒަމް އަދި ލޭގައި ހަކުރު ހުންނަ މިންވަރު
ދުވާލު ގަޑީގައި ގަވާއިދުން ނުކެއުން ނުވަތަ ބޭނުންވާ ވަރަށް ކާބޯތަކެތި ނުލިބުމަކީ ރޭގަނޑު ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވާ ކަމެކެވެ. ދުވާލު ގަޑީގައި ހަށިގަނޑަށް މަދުވި ހަކަތަ ހޯދުމަށް ސިކުނޑިން ރޭގަނޑު "އަވަސް އަމުރެއް" ނެރެ، ގިނައިން ކެއުމަށް ބާރުއަޅަ އެވެ.
ދަންވަރު ކާހިތްވުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަން
- ރަނގަޅަށް ނިދުން: ކޮންމެ ރެއަކު 7-8 ގަޑިއިރުގެ އަރާމު ނިއްޖެއް ހޯދުމަށް އާދަ ކުރާށެވެ.
- ދުވާލު ސިއްހަތަށް ފައިދާހުރި ކާނާ ކެއުން: ދުވާލު ގަޑީގައި ޕްރޮޓީން، ފައިބާ އަދި ފެޓްސް ހިމެނޭ ފުރިހަމަ ކެއުމެއް ބޭނުން ކުރާށެވެ.
- ސްޓްރެސް ކޮންޓްރޯލް ކުރުން: ރޭގަނޑު ނިދުމުގެ ކުރިން ފޯނު ބެލުމުގެ ބަދަލުގައި ފޮތެއް ކިޔުން ނުވަތަ ފުންކޮށް ނޭވާލުމުގެ ކަސްރަތެއް ކޮށްލާށެވެ.
- ފެން ގިނައިން ބުއިން: ބައެއް ފަހަރު ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވުމުން ވެސް ބަނޑުހައިވާ އިހުސާސް ކުރެވިދާނެ އެވެ
ރާޖް ވިދާޅުވި ގޮތުގައި، މިއީ އަމިއްލަ ކުށެއް ކަމަށް ދެކި ދެރަ ވުމުގެ ބަދަލުގައި، ނިދުމުގެ އާދަތަކާއިއި ކެއުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ހައްލު ކުރެވޭނެ ކަމެކެވެ.
ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރުހުންދީފި
އެމްޑީޕީ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު: ނަޝީދު
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!