ބޮލީވުޑްގެ ތާރީހުގައި 40 އަކަށް ވުރެ ގިނަ އަހަރު ހޭދަ ކޮށްފައިވާ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު، އޭނާގެ ޖަލު ދިރިއުޅުމުން ދަސްވި އެންމެ ބޮޑު ފިލާވަޅާއި، ބޮލީވުޑަށް އައިސްފައިވާ ބަދަލުތަކާ މެދު ވާހަކަ ދައްކައިފި އެވެ.
އޭއައިޖީ ހޮސްޕިޓަލްސްގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ބުނީ، އޭނާގެ ފިލްމީ ކެރިއަރު ފެށި ދުވަސްވަރާއި އަޅާބަލާއިރު މިހާރު ފިލްމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ސަންޖޭ ފާހަގަކުރި ގޮތުގައި، އޭނާ އެންމެ ފުރަތަމަ އިންޑަސްޓްރީއަށް ނުކުތްއިރު ބޮލީވުޑަކީ އެކަކު އަނެކަކަށް އެހީތެރިވެދޭ އެކުވެރި އާއިލާއެއް ފަދަ ތަނެކެވެ.
ނަމަވެސް، މިހާރު އިންޑަސްޓްރީ ބަދަލުވެފައިވަނީ ވަރަށް ވާދަވެރި، އެކަކު އަނެކަކު ފަހަތަށް ޖައްސާލަން މަސައްކަތްކުރާ ވާދަވެރި ތަނަކަށް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ފެށި ދުވަސްވަރު މުޅި އިންޑަސްޓްރީ އޮތީ އާއިލާއެއްގެ ގޮތުގައި. އެންމެން އުޅުނީ އެކުގައި، އެކަކު އަނެކަކަށް އެހީތެރިވަމުން. ނަމަވެސް މިހާރު މިއީ ވަރަށް ވާދަވެރި ތަނެއް. ހޮލީވުޑްގެ ހާލަތު މިއާ މުޅިން ތަފާތު. އެތަނުގައި އެކްޓަރުންނާއި ލިޔުންތެރިންގެ މެދުގައި ބޮޑު އެކުވެރިކަމެއް އޮވޭ. އެކަކު އަނެކަކަށް ލިބޭ ކާމިޔާބީގައި ހަސަދަވެރިކަމެއް ނެތި އުފާކުރާތަން ފެނޭ." ސަންޖޭ ބުންޏެވެ.
ޖަލުގައި ހޭދަކުރި ދުވަސްތަކާ މެދު ވާހަކަ ދައްކަމުން ސަންޖޭ ހާމަކުރީ، އޭނާގެ ދިރިއުޅުން ބަދަލު ކޮށްލި އެންމެ ބޮޑު ފިލާވަޅު ދަސްވީ ޖަލުގެ ކޮންސްޓަބަލެއްގެ ފަރާތުން ކަމަށެވެ.
"ޖަލުގައި އުޅުނު ދުވަސްވަރު އަހަރެން ދަސްކުރި އެންމެ ބޮޑު ކަމަކީ މައާފު ކުރުން. ޖަލުގެ ކޮންސްޓަބަލަކު އަހަންނަށް އެކަން ވަރަށް ރަނގަޅަށް ދަސްކޮށްދިން. އޭނާ ބުނި 'މީހުންނަށް މާފުކުރަން ދަސްކުރާށޭ، އޭރުން ދިރިއުޅުމުގައި ކުރިއެރުން ލިބޭނެޔޭ'. މީހަކު ތިމާއަށް އަނިޔާއެއް ނުވަތަ ދެރައެއް ދިނަސް، އެކަމަށް މާފުކޮށްދިނުމަކީ އަމިއްލަ ނަފްސަށް ލިބޭ ބޮޑު ހަމަޖެހުމެކޭ" އޭނާ ބުންޏެވެ.
އޭނާގެ ކެރިއަރުގައި ކުޅެފައިވާ ރޯލުތަކަށް އަލިއަޅުވާލަމުން ސަންޖޭ ބުނީ، އޭނާ އަބަދުވެސް ސްކްރީނުގައި ގޭންގްސްޓަރުންގެ ރޯލުތައް ކުޅެން ވަރަށް ގަޔާވާ ކަމަށެވެ. ނަމަވެސް، އޭނާގެ ހިތާ އެންމެ ބޮޑަށް ގުޅިފައިވާ ފިލްމަކީ "މުންނާ ބާއީ" ކަމަށް ބުންޏެވެ.
"މުންނާ ބާއީ އެމްބީބީއެސް" ފިލްމުން ޑޮކްޓަރުންގެ ދިރިއުޅުމާ މެދު ވަރަށް ބޮޑަށް ވިސްނުނު ކަމަށާއި، ބަލިމީހުންނަށް ބޭސްފަރުވާގެ އިތުރުން އިންސާނީ ކުޅުނާއި އޯގާތެރިކަން ދިނުމަކީ ކިހާ މުހިންމު ކަމެއްކަން އެ ފިލްމުން އިހުސާސް ކުރެވުނު ކަމަށް ސަންޖޭ ފާހަގަކުރި އެވެ.
ގަސް އިންދުން ބޭސް ސިޓީގައި!
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން