އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ޓުޑޭ" ގެ ކޯ-ހޯސްޓް ސަވާނާ ގުތުރީގެ މަންމަ، ނޭންސީ ގުތުރީ (84 އަހަރު) ވަގަށް ނެގި މައްސަލައަށް ހަ މަސް ފުރެން ކައިރިވެފައި ވަނިކޮށް، އޭނާ ރަހީނުކުރި ފަރާތުން ފޮނުވާފައިވާ ފައިސާއަށް އެދޭ ސިޓީތައް އާއްމު ކޮށްފި އެވެ.
ޕިމާ ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓުން އާއްމުކުރި މި ސިޓީތަކަކީ ނޭންސީ ގެއްލުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެރިޒޯނާގެ ޓޫސަންގެ ކެބަލް ޗެނަލަކަށް ފޮނުވާފައިވާ ދެ ސިޓީ އެކެވެ.
އޮފިޝަލުން އުއްމީދު ކުރަނީ މި ސިޓީތަކުގައި ހުރި ލިޔުމުގެ އުސްލޫބާއި ބޭނުން ކޮށްފައިވާ އިބާރާތްތަކުން، ލިޔުނު މީހަކު ދެނެގަންނަން އާންމުންގެ ތެރެއިން މީހަކަށް އެހީތެރި ވެވޭނެ ކަމަށެވެ.
ފުރަތަމަ ސިޓީ
2026 ފެބްރުއަރީ 2 ވީ ދުވަހު ފޮނުވާފައިވާ ފުރަތަމަ ސިޓީ އަމާޒުކޮށްފައިވަނީ ސަވާނާ ގުތުރީއަށެވެ. އެ ސިޓީގައި ބުނެފައިވަނީ:
"ހެލޯ ސަވާނާ، ކުޑަކޮށް ބިރުގެންފައި ހުރިނަމަވެސް ތިޔަބައިމީހުންގެ މަންމަ ނޭންސީ ހުރީ ސަލާމަތުން. ފައިސާ ލިބުމުން އޭނާ އެއްވެސް ގެއްލުމެއް ނުދީ ދޫކޮށްލާނަން."
އެ ސިޓީގައި ވަނީ ހަތަރު މިލިއަން އެމެރިކާ ޑޮލަރާ މުގާބިލު ބިޓްކޮއިން ފޮނުވުމަށް އެދިފައެވެ. އަދި ވަގުތަށް ފައިސާ ނުދީފިނަމަ އަގު ހަ މިލިއަން ޑޮލަރަށް ބޮޑުވާނެ ކަމަށާއި، އެންމެ ފަހުގެ ސުންގަޑިއަށް ފައިސާ ނުލިބިއްޖެނަމަ ނޭންސީ މަރާލާނެ ކަމަށެވެ.
މީގެއިތުރުން، ނޭންސީގެ ގޭގެ އެތެރޭގެ ބައެއް ތަފްސީލުތައް (އެނދު ކައިރީގައި އޮތް ގަޑިއާއި ބެކްޔާޑުގެ ލައިޓް ހަލާކުވެފައިވާކަން) ސިޓީގައި ހިމަނާފައިވުމުން އިންވެސްޓިގޭޓަރުން ވަނީ މިއީ ތެދު ސިޓީއެއް ކަމަށް ނިންމާފައެވެ.
ދެވަނަ ސިޓީ
ފެބްރުއަރީ 6 ގައި ފޮނުވި ދެވަނަ ސިޓީގައި ބުނެފައިވަނީ ނޭންސީ ރަހީނު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ.
"އޭނާގެ ސިއްހީ ހާލަތު ހުރި ގޮތް އަހަރެމެންނަށް ވަޒަން ނުކުރެވުނީ. އޭނާއަށް އަނިޔާއެއް ކުރުމަކީ އަހަރެމެންގެ މަގްސަދެއް ނޫން. އޭނާ ވަނީ ވަގަށް ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަރްވެފައި. އޭނާ ވަނީ ގުދުރަތީ މާހައުލެއްގައި ވަޅުލާފައި... އަހަރެމެން މާފަށް އެދެން."
ފެބްރުއަރީ 1 ވީ ދުވަހު ނޭންސީ ގެއްލުނު ފަހުން މިހާތަނަށް އެއްވެސް ތުހުމަތެއްގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ސަވާނާ ގުތުރީ ވަނީ އޭނާގެ މަންމަގެ ހަށިގަނޑު ނަމަވެސް ހޯދުމަށްޓަކައި، މަންމަ އޮތް ތަނެއް ބުނެދިނުމަށް އެދި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ވަނީ އާދޭސް ކޮށްފަ އެވެ.
އިންވެސްޓިގޭޓަރުން އެދެނީ މި ސިޓީތައް ލިޔެފައިވާ ބަސްމަގުން އެއީ ކާކުކަން އެނގޭ ނަމަ، ނުވަތަ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ލަސްނުކޮށް ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށެވެ.
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން