ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒްގެ ކައިވެނީގެ ރަސްމިއްޔާތު ވަރަށް އަވަހަށް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރޮނާލްޑޯ އުފަން ރަށް ކަމަށްވާ ޕޯޗުގަލްގެ މެޑެއިރާގަ އެވެ.

ކައިވެނި ކުރާނެ ވަކި ތާރީހެއް ނުވަތަ ތަނެއް ރޮނާލްޑޯ ނުވަތަ ޖޯޖީނާ ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. މިއީ މިހާރު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކަ އެވެ.

މިހާރުވެސް ފަސް ދަރިން ތިބޭ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

"ދަ ސަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މީހުން ކައިވެނި ކުރާނީ މެޑެއިރާގެ ވެރިރަށް ފުންޗާލްގައި ހުންނަ ތާރީހީ ފުންޗާލް ކެތީޑްރަލްގަ އެވެ. އަދި ކައިވެނީގެ ބޮޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ "ސެވޯއި ޕެލަސް" ގައެވެ.

މެޑެއިރާއަކީ ރޮނާލްޑޯގެ ހަޔާތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ތަނެކެވެ. ފުންޗާލްގައި އުފަންވެ ބޮޑުވި ރޮނާލްޑޯ، ފުޓްބޯޅައިގެ ދުނިޔޭގައި ހޯދި ބޮޑެތި ކާމިޔާބީތަކުގެ ބިންގާ އެޅުނީވެސް އެ ރަށުގަ އެވެ.