ލައިގެން ހުރި ޖަނގިޔާގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން، ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު އަދަބެއް އަންނަ ދައުވާއެއް އުފުލާފައިވާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރަކަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސް އޭނާ ސަލާމަތްކޮށްދީފި އެވެ.
ހއ. ހޯރަފުށީ، އިރުދޯދި، އައިޝަތު ފަހުދާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އއުފުއްލެވި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިޔުމުން އޭނާ ވަނީ އެއްވެސް އަދަބަކާ ނުލައި ސަލާމަތްވެފަ އެވެ. ޕީއެންސީގެ މެންބަރުންގެ ދަފުތަރުގައި މިހާރު ވެސް ނަން އޮތް ފަހުދާގެ މައްޗަށް އުފުލި ދައުވާ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، އޭނާގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވުމެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ފަހުދާގެ މައްޗަށް ހުށަހެޅި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ޕީޖީ އޮފީހުން މުރާޖައާ ކުރިއިރު، އެ މައްސަލައިގައި ފެނުނު ތަކެއްޗަށް މި މައްސަލައިގައި ދައުވާ ލިބޭ އިބްރާހިމް އިމާދު ވަނީ ޒިންމާ ނަގައިފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާތީ އާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަހުދާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ފަހުދާގެ ޖަނގިޔާގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ހަވާލުވީ، ނޮވެމްބަރު 18، 2024 ގައި ފަހުދާ ހައްޔަރު ކުރިއިރު އޭނާއާއެކު ހުރި އިމާދެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ފަހުދާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ޖަނގިޔަލުގައި ހަރުކޮށްފައި އޮތް ސެނިޓަރީ ޕެޑެއްގެ މަތީގައި ޓޭޕު އޮޅައި ބަންދުކޮށްފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގެ ތެރެއިންނެވެ. އެ ކޮތަޅުން 9.2 ގްރާމުގެ ހެރޮއިން ފެނިފައިވެ އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާގޮތުން ހަތަރު ގްރާމަށްވުރެ ގިނައިން ހެރޮއިން ފެނިއްޖެ ނަމަ، އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި މައްސަލައިގައި ފަހުދާއާ ދެކޮޅަށް ޕީޖީ އޮފީހުން ވަރަށް ގިނަ ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ބަންދުގެ މުއްދަތު މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވެ ދީފައިވާ ބަޔާން ވެސް ހިމެނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ހެކިތަކަށް ބަލައި، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، ދައުވާ އަނބުރާ ގެންގޮސްފައިވަނީ އިބްތިދާއީ އަޑުއެހުންތައް ނިމި ޝަރީއަތް ފެށުމާ ގާތްވެފައި ވަނިކޮށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން މައްސަލަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވެ އެވެ.
މިއަށްވުރެ އަދަބު ލުއި މައްސަލައެއްގައި އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކޮށްފައިވާ ބައެއްގެ މައްޗަށް ދައުވާ އުފުލައި އެ މައްސަލަތައް ދަނީ ކުރިއަށްގެންދަމުންނެވެ. މައްސަލަތައް އަނބުރާ ގެންދިޔުމުގައި އެއްވެސް އިންސާފެއް ޕީޖީ އައްބާސް ޝަރީފް ނުގެންގުޅުއްވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
