އިދިކޮޅު އެމްޑީޕީ ގެ ގައުމީ މަހާސިންތާ ނުވަތަ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ. މިގޮތަށް ފާސްކުރީ ޕާޓީގެ ހިންގުމާއި އަސާސީ ގަވާއިދަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށްޓަކައި، މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ކޮންގްރެސް ބޭއްވުން މުހިންމު ކަމަށް ފެންނާތީ އެވެ.
މިރޭ ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް، ކޮންގްރެސް ބާއްވާނެ ތާރީހެއްގެ ގޮތުގައި ސެޕްޓެމްބަރު 19 ވަނަ ދުވަސް ކަނޑައެޅުމަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ހުށަހެޅުމާ މެދު ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސް ކުރެވުނުއިރު، ބައެއް މެންބަރުން ބޭނުންވީ މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ހަމަވާތީ، އާ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު ކޮންގްރެސް ބޭއްވުމަށެވެ. މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނު މި މައްސަލާގައި ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.
ނަމަވެސް، ކޮންގްރެސް ކުރިން ބޭއްވުމަށް ބާރުއަޅުއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޕާޓީ ހިންގުމުގެ އޮނިގަނޑު ހިމެނޭ ގޮތަށް އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ މަޖިލީހުގެ އެކުލެވުން ބަދަލުކުރުން ވެސް ހިމެނޭތީ، އާ އިންތިހާބު ބޭއްވުމުގެ ކުރިން އެ ބަދަލުތައް ގެނައުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ބަހުސަށް ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ހޭދަކުރުމަށްފަހު، ރިޔާސަތުން ވަނީ އެ ތާރީހާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހާފަ އެވެ.
ޖުމްލަ 63 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވި މި ބައްދަލުވުމުގައި، ރައީސް ނަޝީދު ހުށަހެޅުއްވި ގޮތަށް ސެޕްޓެމްބަރު 19 ގައި ކޮންގްރެސް ބޭއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ވޯޓަށް ފަހު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް އެ ތާރީހުގައި ކޮންގްރެސް ބޭއްވުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ކޮންގްރެސް ނިމުމާއެކު، މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އާ އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސެޕްޓެމްބަރު 19 ގައި ކޮންގްރެސް ބޭއްވި ނަމަވެސް ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުން ލަސްވެގެން ނުދާނެ ކަމަށެވެ. އަދި މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ދަންމާލުމުގެ އެއްވެސް ވިސްނުމެއް ޕާޓީގެ ނެތް ކަމަށާއި، ދައުރު ހަމަވާ ތާރީހަށް އާ އިންތިހާބު ބާއްވައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ފަހަރުގެ ކޮންގްރެސްގައި ފާސްކުރުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އޭގެ ތެރެއިން އެއް އިސްލާހަކީ ޗެއާޕާސަންގެ ދައުރުގެ މެދުތެރެއިން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ. މީގެ އިތުރުން، އަންނަ އަހަރަށް ރިޔާސީ ޕްރައިމަރީ އަވަސްކުރުމާ ގުޅޭގޮތުން ވެސް މި ކޮންގްރެސްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ގަސް އިންދުން ބޭސް ސިޓީގައި!
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
