ތައިލެންޑުގެ ފުކެޓުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ވައިގެ ތެރޭގައި ލޮޅުންތަކެއް (ޓާބިއުލެންސް) އަރާ، 10 ފަސިންޖަރުންނާއި 4 ފަޅުވެރިން ހިމެނޭހެން ޖުމްލަ 14 މީހަކަށް އަނިޔާވެއްޖެ އެވެ. މި ހާދިސާގައި ބޯޓު ކުއްލިއަކަށް ގާތްގަނޑަކަށް 300 ފޫޓަށް ތިރިވި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ބޯޓު ވަނީ ރައްކާތެރިކަމާއެކު ދިއްލީއަށް ޖައްސާފަ އެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނިޔާވި މީހުންނަށް ވަނީ އެއާޕޯޓުގެ މެޑިކަލް ސެންޓަރުގައި ފަރުވާދީފަ އެވެ. މި ހާދިސާ ތަހުގީގުކުރަމުންދާ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެއް ކުރޫއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޕައިލެޓް ވަނީ ރިޕޯޓުކޮށްފަ އެވެ.

ފްލައިޓް ޓްރެކިންގް ޑޭޓާތަކުން ދައްކާގޮތުގައި، އެއާބަސް A320 މަރުކާގެ މި ބޯޓު ދިއްލީއަށް ޖެއްސީ ހެނދުނު 11:00 ގައެވެ. މި ބޯޓު ފުކެޓުން ފުރާފައިވަނީ އެގައުމުގެ ގަޑިން ހެނދުނު 8:41 ގައެވެ.

އެއާލައިންގެ ތަރުޖަމާނު ވިދާޅުވީ، އޮގަސްޓް 4 ވަނަ ދުވަހު ފުކެޓުން ދިއްލީއަށް ދަތުރުކުރި AI2379 ފްލައިޓަށް ވައިގެ ތެރޭގައި ކުޑަވަގުތުކޮޅަކަށް ލޮޅުންތަކެއް އަރައި ދަތުރުކުރަމުން ދިޔަ އުސްމިނަށް ބަދަލުތަކެއް އައި ކަމަށެވެ. ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު ދިއްލީއަށް ޖައްސައި، ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ބޯޓުން ފައިބާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ، މިހާތަނަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި، ކުދިކުދި އަނިޔާ ލިބުނު ފަސިންޖަރުންނާއި ފަޅުވެރިންނަށް އެއާޕޯޓުގެ މެޑިކަލް ޓީމުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި ފަސިންޖަރުންގެ ރައްކާތެރިކަމަކީ އެއާލައިނުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ތަހުގީގު ކުރާ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން "އޭއެންއައި" ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ފަސިންޖަރަކު ބުނީ، ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން، އެންމެން ނިދާފައި ތިއްބާ ކުއްލިއަކަށް 2-3 މިނެޓަށް ބޯޓު ވަރަށް ބޮޑަށް ތަޅުވައިގަތް ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއާ އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުންޏެވެ.

އަނިޔާވި އެހެން ފަސިންޖަރެއްގެ އަންހެން ދަރިފުޅު ކިޔައިދިން ގޮތުގައި، ބޯޓު އާދައިގެ މަތިން ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް ވަރަށް ބޮޑަށް ލޮޅުން އެރިއެވެ. "އަހަރެންގެ ކޮއްކޮ ގޮނޑިން ވިއްސައިގެން ދިޔަ ތަން ފެނުނު. މަންމަގެ ބޯ ޖެހި އަނިޔާވި. އަހަރެންގެ ފޯނުވެސް ވެއްޓުނު. ފަހަތުގައި ތިބި މީހުންނަށްވެސް އަނިޔާވި. އެކަކުގެ މޫނުމަތިން ލޭ އަންނާތީ ފެނުނު. ހީކުރީ މަރުވަނީ ކަމަށް، ވަރަށް ބިރުގަތް،" އޭނާ ކިޔައިދިނެވެ.

ވައިގެ ދަތުރުފަތުރުގައި ޓާބިއުލެންސް ނުވަތަ ގަދަވަޔާ ކުރިމަތިވުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އާންމުކޮށް ދިމާވާ ކަމެކެވެ. ބައެއް ފަހަރު ބޯޓު ނައްޓާލާއިރު ނުވަތަ ޖައްސަން އުޅޭއިރު ބިންމަތީގެ ވައިގެ ބާރުމިނުގެ ސަބަބުން މިކަން ދިމާވެއެވެ. އަދި މަތިން ދަތުރުކުރާއިރު ވިލާގަނޑުތަކުގެ ތެރޭގައި ވައި ދައުރުވާ ގޮތުންވެސް ބޯޓަށް ލޮޅުން އަރައެވެ.

ޓާބިއުލެންސް އަކީ އާންމު ކަމެއް ނަމަވެސް، މީގެ ސަބަބުން މީހުންނަށް ބޮޑެތި އަނިޔާވުމަކީ ނިސްބަތުން މަދުން ދިމާވާ ކަމެކެވެ.