ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ތަބައްސުމް ޖަމާލް ހާޝިމީ (ތާބޫ) އޭނާގެ ނަމާއި، ސޫރައާއި، އަދި ޝަހުޞިއްޔަތުގެ ޙައްޤުތައް ("ޕާސަނަލިޓީ އެންޑް ޕަބްލިސިޓީ ރައިޓްސް") ހިމާޔަތް ކުރުމަށް އެދި އިންޑިއާގެ ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ހުއްދައަކާ ނުލައި އިންޓަނެޓާއި ސޯޝަލް މީޑިއާގައި އޭނާގެ މައުލޫމާތާއި ސޫރަ ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާތީ އެވެ.
މި މައްސަލައިގެ އަޑުއެހުން ދިއްލީ ހައިކޯޓުގެ ޖަސްޓިސް ޖްޔޯތީ ސިންގްގެ ކުރިމަތީގައި ބާއްވާފައިވާއިރު، ތަބޫގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުގައި ބައެއް އިސްލާހުތައް ކުރަން ޖެހޭކަން ކޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެގޮތުން ދައުވާ ލިބޭ ފަރާތްތަކުގެ ތަފްސީލުތައް ފުރިހަމައަށް ހުށަހެޅުމަށް ތަބޫގެ ގާނޫނީ ވަކީލު ސީނިއާ އެޑްވޮކޭޓް ސުވާތީ ސުކުމާރަށް ކޯޓުން ވަނީ އަންގާފަ އެވެ.
ތަބޫ ހުށަހެޅި މައްސަލައިގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން އޭނާގެ ސޫރައާއި އަޑު ނަކަލު ކުރުމާއި، "ޑީޕްފޭކް" އުފެއްދުމާއި، އަދި އޭނާގެ ހުއްދައެއް ނެތި ވިޔަފާރި އިޝްތިހާރު ތަކުގައި އޭނާގެ ސޫރަ ބޭނުން ކުރުން ހުއްޓުވުމުގެ އަމުރަކަށެވެ.
މީގެ އިތުރުން އެކި ވެބްސައިޓްތަކާއި އީ-ކޮމާސް ޕްލެޓްފޯމްތަކުގައި އޭނާގެ މައުލޫމާތު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ އަމުރަކަށްވެސް ވަނީ އެދިފަ އެވެ.
މި މައްސަލައިގެ ތެރެއިން "މެޓާ" އަދި "ގޯޑެޑީ" ފަދަ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންގެ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ވެސް ކޯޓުގައި ވަނީ ވާހަކަ ދެކެވިފަ އެވެ.
ދައުވާ ލިބޭ ފަރާތްތަކުގެ ތަފްސީލީ މައުލޫމާތުތައް ރަނގަޅު ކުރުމަށްފަހު އަލުން ހުށަހެޅުމަށް ކޯޓުން އެންގުމާ ގުޅިގެން، މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮގަސްޓް ހަވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ.
އިންޑިއާގައި އޭއައި ވަސީލަތްތައް ބޭނުން ކޮށްގެން މަޝްހޫރު ތަރިންގެ ސޫރައާއި އަޑު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން އިތުރު ވަމުންދާތީ، އިންޑިއާގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުން ދަނީ ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ޝަހުސީ ހައްގުތައް ހިމާޔަތް ކުރަމުންނެވެ.
މިގޮތުން އައިޝްވަރިޔާ ރާއީ، އަބީޝެކް ބައްޗަން، ކާޖޯލް، ވަރުން ދަވަން، އަދި ކަރަން ޖޯހަރު ފަދަ ތަރިންވެސް ވަނީ މީގެ ކުރިން ކޯޓު މެދުވެރިކޮށް މިފަދަ އަމުރުތައް ހޯދާފަ އެވެ.
ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އޭއައި ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާ މި ޒަމާނުގައި، ފަންނާނުންގެ އަމިއްލަ ނަމާއި ސޫރަ ރައްކާތެރި ކުރުމަކީ އެފަރާތްތަކުގެ އަބުރާއި ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ.
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!