ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އަވާރާޕަން" ނުކުތްތާ 19 އަހަރު ފަހުން، އެ ފިލްމުގެ ސީކުއެލް "އަވާރާޕަން 2" ގެ ޓްރެއިލާ އާއްމު ކޮށްފި އެވެ.

މި ފިލްމުގައި އިމްރާން އަލުން ފެނިގެންދާނީ ކުރީގެ ފިލްމުގައިވެސް އޭނާ ކުޅުނު މަގުބޫލު ކެރެކްޓާ ޝިވަމް ޕަންޑިޓްގެ ރޯލުންނެވެ. މާޒީގެ ހިތާމަތަކާއި، އޭނާގެ ލޯބިވެރިޔާ އާލިޔާ (ޝްރިޔާ ސަރަން)ގެ ވަކިވުމުގެ އަސަރުތަކުގައި ދިރިއުޅެމުންދާ ޝިވަމް، މިފަހަރު އެނބުރި އަންނަނީ ބަދަލުހިފުމާއި ސަލާމަތް ވުމުގެ އާ އަދި ނުރައްކާތެރި މިޝަންއަކާ އެކުގަ އެވެ.

ޓްރެއިލާ ފެށިގެންދަނީ ވަރަށް އަސަރުގަދަ އަދި ނުރައްކާތެރި މަންޒަރަކުންނެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު، ދަނޑިއެއްގައި އެލިފައިވާ ޝިވަމް ފެނިގެންދެ އެވެ.

އެއަށްފަހު ޝަބާނާ އަޒްމީ ކުޅޭ ނުރައްކާތެރި "ނަފީސާ"ގެ ކެރެކްޓާ ފެނިގެންދާއިރު، މުޅި ޓްރޭލަރުންވެސް ފެނިގެންދަނީ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ޖަޒުބާތީ ހާދިސާތަކެވެ.

https://www.youtube.com/watch?v=1ya87ENCRj0&time_continue=1&source_ve_path=MjE0Mjgz&embeds_referring_euri=https%3A%2F%2Fwww.hindustantimes.com%2F

މި ފިލްމުގައި ދިޝާ ޕަޓާނީ "ޒާރާ"ގެ ރޯލުން ފެނިގެންދާއިރު، އޭނާގެ ކެރެކްޓާއަކީ ޝިވަމްގެ ދިރިއުޅުމަށް އާ އިހުސާސްތަކެއް ގެނެސްދޭނެ ފަރާތެއް ކަމަށް ބެލެވެ އެވެ.

ފުރަތަމަ ފިލްމެކޭ އެއްފަދައިން "އަވާރާޕަން 2" ގެވެސް އެންމެ ފާހަ ގަކޮށްލެވޭ އެއްބަޔަކީ އޭގެ ރީތި ލަވަތަކެވެ. މިތޫން، ޖީތު ގަންގުލީ، އަލްމާލް މަލިކް އަދި އަންކިތު ސަޗްދޭވް ފަދަ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ތައްޔާރު ކޮށްފައިވާ "ވެ ޖުނޫން"، "ޔޭ އަވާރަޕަން" އަދި "ތޯ ޕިރު އާއޯ" ފަދަ ލަވަތަކަށް މިހާރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށް، ވިޝޭޝް ބަޓް އަދި މުކޭޝް ބަޓް ޕްރޮޑިއުސްކުރާ މި ފިލްމަށް އިންޑިއާގެ ސެންސަރު ބޯޑުން ވަނީ 16+ ރޭޓިންގްއެއް ދީފަ އެވެ.

ބައެއް ނުރައްކާތެރި މަންޒަރުތަކާއި މަސްތުވާތަކެތީގެ މަންޒަރުތައް އުނި ކުރުމަށްފަހު ފާސްކުރި މި ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި 20 މިނެޓެވެ. "އަވާރަޕަން 2" ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ 14 އޯގަސްޓް 2026ގަ އެވެ.