ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތަށް ބަލާއިރު، އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިން އުފަންވާ މިންވަރު މިދިޔަ އަހަރު އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯ ގުޅިގެން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ 2023 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 5،625 ކުދިން އުފަންވެފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ 2،835 ފިރިހެން ކުދިންނާއި 2،789 އަންހެން ކުދިންނެވެ. މިއީ ރާއްޖޭގެ އާބާދީގެ މައިގަނޑު ތަފާސްހިސާބުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެކުލަވާލާފައިވާ "ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުގެ ހޯދުންތަކެވެ.
އަހަރުގެ އެކި ކުއާޓަރުތަކަށް ބަލާއިރު، އެންމެ ގިނަ ކުދިން އުފަންވެފައިވަނީ އަހަރުގެ ފަހު ކުއާޓަރުގަ އެވެ. އެގޮތުން ހަތަރުވަނަ ކުއާޓަރުގައި 1،444 ކުދިން އުފަންވިއިރު، ފުރަތަމަ ކުއާޓަރުގައި 1،427 ކުދިން، ދެވަނަ ކުއާޓަރުގައި 1،380 ކުދިން އަދި ތިންވަނަ ކުއާޓަރުގައި 1،374 ކުދިން އުފަންވެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރެއިން އެންމެ ގިނަ ކުދިން އުފަންވީ ޑިސެންބަރު މަހުގަ އެވެ. އެ މަހު 545 ކުދިން އުފަންވި އިރު، ޖުލައި މަހު 506 ކުދިން އަދި މާޗު މަހު 504 ކުދިން އުފަންވެފައިވެއެވެ. އެންމެ މަދުން ކުދިން އުފަންވެފައިވަނީ ސެޕްޓެންބަރު މަހުގަ އެވެ. އެއީ 421 ކުދިންނެވެ.
ދަރިން ހޯދާފައިވާ އަންހެނުންގެ އުމުރުފުރާ އަށް ބަލާއިރު، އެންމެ ގިނައިން ދަރިން ހޯދާފައިވަނީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އުމުރުފުރާގެ 1،794 މީހަކު މިދިޔަ އަހަރު ދަރިން ހޯދާފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެ އުމުރުފުރާގެ 1،561 މީހަކު މިދިޔަ އަހަރު ވަނީ ދަރިން ހޯދާފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،132 އެވެ. މީގެ ތެރޭގައި ދިވެހިންގެ އާބާދީއަކީ 382،639 އެވެ. ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު ދިވެހި އާބާދީގައި ގިނައީ އަންހެނުންނެވެ. އެއީ 194،562 އަންހެނުންނާއި 188،077 ފިރިހެނުންނެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކަނީ އުފަންވާ ފިރިހެން ކުދިންގެ އަދަދު އިތުރުވަމުންދާ ކަމެވެ.
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
އާންމުތަނެއްގައި ހިންދޫދީނުގެ އަޅުކަންކުރި މީހަކު ހައްޔަރުކޮށްފި
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ