ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 800 ވޭޕް ކާޓްރިޖް، ކަސްޓަމްސް އިންއަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަތީ އިއްޔެ ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުގެ ދަށުން، ނޮވެމްބަރު، 15، 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އެއާ ގުޅުންހުރި އެކި ބާވަތްތަކުގެ އާލާތްތައް އެތެރެކުރުމަކީ މަނާކަމެކެވެ.

އެ އިސްލާހުގައިވާ ގޮތުން، މަނާކުރެވިފައިވާ ވޭޕްގެ އާލާތެއް ގެންގުޅޭ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ތަކެތި ފުލުހުންނާ ހަވާލުކުރަން އިންކާރުކޮށްފި ނަމަ، 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެ އެވެ.

ވޭޕް ބޭނުންކުރާ މީހުން 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. ހިލޭ ވޭޕް ފޯރުކޮށްދޭ ފަރާތްތައް 10,000 ރުފިޔާއިން އަދި ވޭޕްގެ ވިޔަފާރިކުރާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، 21 އަހަރުން ދަށުގެ ކުޑަކުދިންނަށް ވޭޕް ވިއްކާ ފަރާތްތަކަށް 50,000 ރުފިޔާގެ ބޮޑު ޖޫރިމަނާ ކުރެވެ އެވެ.