މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ދެގުނައަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެއަށް 15،577 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 87 އިންސައްތައިގެ ކުރިއެރުމެކެވެ.
ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ކްރޫޒްލައިނާތަކުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގަ އެވެ. އެ މަހު 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މާޗު މަހު 4،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.
ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން އިތުރުވި ނަމަވެސް، ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 1,281,360 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިހާރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް އަންނަނީ 5،932 ފަތުރުވެރިންނެވެ.
މާކެޓުގެ ތަރުތީބަށް ބަލާއިރު، 17 އިންސައްތައިގައި އެއްވަނައިގައި އޮތީ ޗައިނާ އެވެ. ދެވަނައިގައި އޮތް ރަޝިއާއިން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 99،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ ރޫޓުތަކަށް ބުރޫއަރައި، ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުތައް ކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވެއެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް އުފުލުމަކީވެސް ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާ ކަމެކެވެ.
އެންމެ ގިނައިން ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރަންކޮށްފި
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟