ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2013 އިން 2018 އަށް ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތައް ރާއްޖެ ގެނެސް ފަރުމާކުރުމުގައި އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ދައުރެއް ނެތް ކަމަށް ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޔާމީން ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެއްވެސް މަޝްރޫއަކީ ރައީސް މުއިއްޒު އަމިއްލަފުޅަށް ފަރުމާކުރެއްވި ނުވަތަ އޮރިޖިނޭޓް ކުރެއްވި ކަންކަން ނޫން ކަމަށެވެ. އެގޮތުން ހުރިހާ ބޮޑެތި މަޝްރޫއުތަކަކީ ވެސް ސީދާ ރައީސް އޮފީހުން އިސްނަގައިގެން އެތަނުގައި ރޭވުންތައް ރާވައި ފާސްކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއިން އެއްވެސް މަޝްރޫއަކީ [ރައީސް] މުއިއްޒު އޮރިޖިނޭޓް ކުރެއްވި މަޝްރޫއެއް ނޫން އިނގޭތޯ. ދެން ތެދެއްމެ އަޅުގަނޑު އެއްވެސް ގޮތަކަށް ބަދުބަހެއް ދަންނަވާކަށް ނޫން. ހައުސިން މިނިސްޓަރުގެ މި ޝިޔާ އޮންނާނެ. އެކަމަކު މުއިއްޒަށް ޗޮއިސެއް އޮންނާނެތޯ އެކަން ނުކޮށް؟ ނުކުރެއްވޭކަމަށްވަންޏާ އެހެން ހައުސިން މިނިސްޓަރެއް ނޫންތޯ ހުންނާނީ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެއްވެސް ގޮތަކަށް ބަދުބަހެއް ދަންނަވަނީ ނޫން ކަމަށާއި، ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އެކަން ނުކުރައްވައި ރައީސް މުއިއްޒަށް އިހްތިޔާރެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ނުކުރެއްވޭނަމަ ހުންނަވާނީ އެހެން ހައުސިން މިނިސްޓަރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވަކިވަކި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މަސައްކަތެއް ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލަކީ ސިންގަޕޫރުގެ ކުންފުންޏަކުން ކުރި މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގައި، އެ މިސްކިތުގެ ޓައިލްތަކާއި ޕެނަލްތަކުގެ ކުލަ ހޮވުމުގައި ވެސް އެމަނިކުފާނު އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް މުއިއްޒަށް ކްރެޑިޓް ލިބެން ޖެހޭނީ ހަމައެކަނި އެ މަޝްރޫއުތައް ހިންގި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވުމުން ކަމަށާއި، އެކަން ނުކުރެއްވޭ ނަމަ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.