މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަ މޭންޑީ ޓީފީ، އެ މީހުންގެ މެންޓަލް ހެލްތު ސްޓާޓްއަޕް ކުންފުނި "ވަންޑާމައިންޑް"އާ ގުޅިގެން ގާނޫނީ ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މި ކުންފުނީގައި އިންވެސްޓްކުރި ދެ ފަރާތަކުން ވަނީ ސެލީނާ، އޭނާގެ މަންމަ، އަދި ކުންފުނީގެ ކުރީގެ ބައިވެރިއެއް ކަމަށްވާ ޑެނިއެލާ ޕިއާސަންއާ ދެކޮޅަށް ޑެލަވެއާގެ ފެޑެރަލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.
ދައުވާކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެމީހުން މި ކުންފުނީގައި 1.2 މިލިއަން ޑޮލަރު އިންވެސްޓްކުރީ ކުންފުނީގެ ހިންގުމާއި، ޕާޓްނަޝިޕްތަކާއި އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އޮޅުވާލުންތަކެއްގެ ތެރެއިންނެވެ.
އިންވެސްޓަރުން ބުނާ ގޮތުގައި، ކުންފުނިން ވައުދުވީ އެޕްލިކޭޝަނެއް ހެދުމަށާއި، ބޮޑެތި އިޝްތިހާރުތައް ކުރުމަށެވެ. ނަމަވެސް އެއްވެސް ކަމެއް ރޭވުނު ގޮތަށް ނުދާ ކަމަށާއި، ކުންފުނި ފެއިލްވަމުން ދިޔައިރު ވެސް އެކަން އިންވެސްޓަރުންނަށް ސިއްރު ކޮށްފައިވާ ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.
އެއާއެކު ސެލީނާ ކުންފުނީގެ މާކެޓިން ހެޑްގެ ގޮތުގައި ހަރަކާތްތެރިވާން އެއްބަސްވި ނަމަވެސް، އެ މަގާމުން ފަހުން ދުރަށް ޖެހިފައިވާ ކަމަށް އިންވެސްޓަރުން ބުނެ އެވެ.
މި ތުހުމަތުތައް ސެލީނާ ގޯމޭޒްގެ ފަރާތުން ވަނީ ހަރުކަށިކޮށް ދޮގު ކޮށްފަ އެވެ. ސެލީނާގެ ގާނޫނީ ވަކީލު މެތިއު އެސް. ރޮސެންގާޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސެލީނާއާ ދެކޮޅަށް އުފުލާފައިވާ މި ދައުވާއަކީ އެއްވެސް ހަގީގަތެއް ނެތް، އަދި ގާނޫނީ ގޮތުންވެސް ބުރަދަނެއް ނެތް ދައުވާއެއް ކަމަށެވެ.
"ސެލީނާ ގޯމޭޒް އެއްވެސް ކަހަލަ 'ފްރޯޑް' ނުވަތަ އޮޅުވާލުމެއްގައި ބައިވެރިވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް،" ވަކީލު ބުންޏެވެ. މި މައްސަލަ ބޭރު ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ސެލީނާގެ ޓީމުން އަންނަނީ ތައްޔާރު ވަމުންނެވެ.
މި މައްސަލައިގައި ކުންފުނީގެ އެހެން ބައިވެރިން ކަމަށްވާ މޭންޑީ ޓީފީ އާއި ޑެނިއެލާ ޕިއާސަން ވެސް ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި