އަކްޝޭ ކުމާރަކީ ބޮލީވުޑްގައި މިހާރުހުރި އެންމެ ފުންނާބު އިސްތަރިންގެ ތެރެއިން އެއް ތަރި އެވެ. އޭނާއަކީ އެ ދާއިރާގެ އެންމެ "ޕްރޮފެޝަނަލް" ތަރީގެ ގޮތުގައި ގިނަ ޑައިރެކްޓަރުން ފާހަގަކުރާ ތަރި އެކެވެ.
އެހެން ނަމަވެސް އަކްޝޭގެ ފިލްމީ ހަޔާތުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ބޮލީވުޑްގެ އެކި ފަރާތްތަކުން ބާއްވާ ހަފްލާތަކުގައި އަކްޝޭގެ ފެނިލުމެއް ނުފެންނަ ކަމެވެ.
އަކްޝޭގެ ފިލްމް "މިޝަން މަންގަލް"ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން މީހަކު ވަނީ އަކްޝޭ ޕާޓީތަކަށް ނުދަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
އެއާއެކު ޕާޓީތަކަށް ނުދަނީ އޭގެ ބަދަލުގައި އަމިއްލަ އަށް ހަރަދުކޮށްގެން ޕާޓީއެއް ބާއްވަން ޖެހިދާނެ ކަމުގެ ބިރަށް ތޯ ވެސް ވަނީ އޭނާ އެހި އެވެ.
އެ ސުވާލުގެ ޖަވާބުގައި ހިނިގަނޑެއް ޖަހާލަމުން އަކްޝޭ ބުނެފައިވަނީ އެއީ ތެދެއް ކަމަށާއި ބޮލީވުޑް ޕާޓީތަކަކީ އޭނާ މާ ފަރުވާ ބަހައްޓާ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން ވެސް އަކްޝޭއަކީ ދިރިއުޅުމުގައި "އަވަހަށް ނިދާފައި އަވަހަށް ހޭލުމުގެ" އުސޫލެއް ގެންގުޅެ މީހެކެވެ. ބޮލީވުޑްގެ ގިނަ ޕާޓީތައް އޮންނަނީ ރޭގަނޑު ކަމަށްވުމާއެކު އެއީ ވެސް އެ ޕާޓީތަކުން އޭނާ ނުފެންނަ އެއް ސަބަބެވެ.
ކޮންމެ އަކަސް ޕާޓީތަކުން ނުފެނުނެއް ކަމަކު އަކްޝޭއަކީ ބޮލީވުޑްގެ ޝަހްސިއްޔަތުންގެ މެދުގައި ވެސް މަގުބޫލް އެންމެންނާ ގުޅޭ އެކުވެރި ތަރި އެކެވެ.