ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގި ކަމަށް ބުނާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެކޮޅަށް ހެކިބަސް ނުދިނުމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ނިންމައިފި އެވެ.

މި ދެ މީހުންނަކީ ކުރިން ޗެނަލް 13 ގައި "މަޑިސީލަ" ޕްރޮގްރާމް ހަދައިގެން ރައީސް ޔާމީނަށް ސަނާކިޔައި އަދި އެމްޑީޕީ ސަރުކާރަށް ހުތުރު އެއްޗެތި ގޮވި ދެ މީހުންނެވެ. ރައީސް ޔާމީންގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޮތީ ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.

އެހެން ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިން ނަރީޝް އާއި ޝުއާއުﷲ ވަނީ މި މައްސަލާގައި ހެކިބަސް ދިނުމަށް އިންކާރުކޮށް އެކަން އަންގައި ކޯޓަށް މެއިލް ކޮށްފަ އެވެ.

އެއާއެކު އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން މި މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރެއްވުމުން ޔާމީން ގެ ފަރާތުން އިސް ދިފާއީ ވަކީލު އަދި އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެމީހުންނަށް މަޖުބޫރުކޮށްގެން ހެކިބަސް ނަގަން ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ.

އެހެންކަމުން ގާޒީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، ހެކި ބަސް ނެގުމަށާއި ޝަރީއަތް ކުރިއަށްދާން ތާރީހުތައް ކަނޑައެޅުއްވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

އެގޮތުން އަންނަ މަހުގެ 26 ގައި ހެކި ބަސް ނަގަން ހަމަޖެހިފައިވާއިރު 17 ޖޫން ގައި ހެކިތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި މައްސަލާގައި ހުލާސާކޮށް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ 20 ޖުލައިގަ އެވެ.

ނަރީޝް އާއި ޝުއާއުﷲ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ވެސް ހަޔާތުގައި އާ ފިލާވަޅުތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށާއި ޔާމީނުގެ މައްޗަށް މިދިޔަ 5 އަހަރު ކުރެވުނު ބޭއިންސާފު ދައުވާތަކަށް ފަހު މިއަދު ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ ހިލާފަށް މި ދައުވާތައް ކުރިއަށް ގެންދާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ.

"އެނގިގެން ދިޔައީ ޕްރޮސިކިއުޝަނުގެ ތަޢައްސަބު ރ. ޔާމީނާމެދު އޮތް މިންވަރު. މިއީ އިންސާފު ގާއިމް ކުރުމުގެ ނަމުގައި އެކި ސަރުކާރުތަކުން ހިންގަމުންދާ އަނިޔާ އެއްކަން! މިއީ ރ. ޔާމީނުގެ ސިޔާސީ މަސައްކަތަށް ބިރުން ބަޔަކު ޝަރުޢީ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ އިންކާރު ނުކުރެވޭފަދަ މިސާލެެއްކަން!" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ރިވިއުއަށް ހުޅުވާލި ފުރުސަތުގައި، އަންޑިއު ޑިލޭއެއް އުފަންވާތީ ކަމަށް ބުނެ މިމައްސަލާގައި ހިމެނޭ އެއްފަރާތުގެ މައްސަލަ އަނބުރާ ގެންދިޔަކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވަނީ ޔާމީނުގެ މައްސަލައަށް ނުވާލަހެއް އެހެން ފަރާތަކަށް ވިތޯ ސުވާލު އުފައްދާފަ އެވެ.