އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ ދަށްވިޔަސް ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 129 މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

މިދިޔަ އަހަރު ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ބެހީ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 80ރ. ރުފިޔާ އެވެ.

އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 741 މިލިއަން ރުފިޔާ އެވެ. އެއީ 2023 ވަަނަ އަހަރަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 15 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާގެ ދަށް ވުމެކެވެ. އަދި އެއީ ހަތް ޕަސެންޓުގެ ދަަށްވުމެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަަށެވެ.