ތިލަމާލޭ ބްރިޖްގެ ޕައިލިންގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ މިއީ ބްރިޖްގެ މުޅި މަސައްކަތަށް ބަލާއިރު ވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

އެމްޑީޕީ ސަރުކާރުން ފެށި މިމަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ދެއްވަމުން ސޯޝަލްމީޑިއާގައި މުއްތަލިބު ވިދާޅުވީ ބްރިޖްގެ ޕައިލިން މަސައްކަތް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ. އަދި މިއީ މުޅި ބްރިޖް މަޝްރޫއަށް ބަލާއިރު ވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޕައިލިންގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މި މަސައްކަތްތަކާއެކު މުޅި ބްރިޖް މަޝްރޫޢުގެ، 60.84 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. އަދި އެ މަސައްކަތް މިހާރު އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ އެކި ފަހަރު މަތިން އިންޑިއާގެ އިސްފަރާތްތަކާއެކު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖުގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެ އެވެ.

މި މަޝްރޫއުގެ ޓައިމް ލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިއާއެކު މުޅި މަޝްރޫއު ނިމޭނެ ކަމަށް ޓައިމްލައިންގައި ހިމަނާފައި ވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.