މެދުއިރުމަތީގެ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ކުރިމަތިލުންތަކެއް ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖުލައި 13 ވަނަ ދުވަހު ވިދާޅުވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނަގަމުންދާ ކަމަށެވެ.
"އަހަރެމެން މިދަނީ ކަނޑުއޮޅީގެ ބާރު ނަގަމުން. އެމީހުންގެ އަތަކު އެއްވެސް އެއްޗެއް ނެތް،" ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އެ ކަނޑުއޮޅި ބަލަހައްޓައިދޭތީ އެމެރިކާއަށް އޭގެ އުޖޫރަ ލިބޭނެ އެވެ. "އަހަރެމެން ވެގެންދާނީ އެ ކަނޑުއޮޅީގެ ފާރަވެރިންނަށް. މީގެ ކުރިން އެމެރިކާއިން އެތަން ބަލަހައްޓަމުން އައީ ހިލޭސާބަހަށް ނަމަވެސް، ދެން އެކަމުގެ ބަދަލު މުއްސަނދި ގައުމުތަކުން ދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ ސިފައިން ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން މިކުރާ މަސައްކަތުގެ ބަދަލު ބޭނުންވޭ. އެކަމަށްޓަކައި ބޮޑު އަދަދަކުން ފައިސާ ލިބޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން މިހާތަނަށް ނުފެންނަ ވަރުގެ ވަރުގަދަ ހަމަލާތަކެއް އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވެމުން ދިއުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޖުލައި 13 ގައި އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ކުރިއަށްދަނިކޮށް، ތެހެރާނުން ބުނީ ވޮޝިންޓަނުން އެމީހުންގެ ވައުދުތަކަށް އިހުތިރާމް ނުކުރާ ނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާނެ ކަމަށެވެ. އީރާނުގެ ވަރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ބަހްރޭން، އުރުދުން، ކުވެއިތު އަދި އޮމާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.
ޖޫން މަހުގެ ފަހުމުނާމާއާ ބެހޭގޮތުން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެ އެއްބަސްވުން މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. "އަނެއް ފަރާތުން އެމީހުންގެ ޒިންމާތައް އަދާނުކުރާ ކޮންމެ ފަހަރަކު، އަހަރެމެން ވެސް އަހަރެމެންގެ ޒިންމާތަކަށް އަމަލެއް ނުކުރާނަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރާނީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ގަތަރާއި، ޕާކިސްތާނާއި އޮމާން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ރޭގަނޑުން ފެށިގެން އީރާނުގެ އެތައް އަމާޒަކަށް ދެމުންދިޔަ ވަރުގަދަ ހަމަލާތައް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެމެރިކާގެ މަތިންދާބޯޓުތަކާއި، މަނަވަރުތަކާއި ޑްރޯންތައް ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން ކުޑަކުރުމަށްޓަކައި ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ޖުލައި 13 ގެ މެންދުރުގެ ވަގުތެއްގައި ބަންދަރު އައްބާސްގެ ހުޅަނގު އައްސޭރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.
ވޭތުވެދިޔަ ހަފުތާގެ ހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުގެ މަގަށެވެ. އައިއާރުޖީސީ އިން އެ މަގު ބަންދުކޮށްފައިވާ ކަމަށް ބުނި ނަމަވެސް، އެމެރިކާއިން ބުނަނީ އެއީ ހުޅުވިފައިވާ މަގެއް ކަމަށާއި އޭގެ ކޮންޓްރޯލް އީރާނަށް ނޯންނާނެ ކަމަށެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ 4.5 އިންސައްތައަށް އުފުލިފަ އެވެ.
އެމެރިކާގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް އީރާނުން ބުނާއިރު، މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މި ހަމަލާތަކުގެ ސަބަބުން ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުން ލަސްވެގެންދާނެ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވެއެވެ. އަނެއްކޮޅުން، އީރާނުން އުރުދުން، ބަހްރޭން އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެއެވެ. ބަހްރޭނާއި ކުވެއިތުން ވަނީ އީރާނުގެ މި ހަމަލާތައް ކުށްވެރިކޮށް، އާންމުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
އެމްބާޕޭ ފިޓު، ސެމީގައި ފެންނާނެ: ޑެޝޯމްޕްސް