ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ކްރޫޒް މިސައިލްތަކަކުން ހަމަލާދީ، އިންޑިއާގެ ފަޅުވެރިއަކު މަރުވެ އިތުރު އަށް މީހަކު ޒަހަމްވެއްޖެ ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން އަންގާރަ ދުވަހު ހާމަކޮށްފި އެވެ. މިއީ މުހިންމު މި ކަނޑުއޮޅީގައި ނުތަނަވަސްކަން އިތުރުވެގެން ދިޔަ ދަނޑިވަޅެއްގައި ދެވުނު ހަމަލާއެކެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "މޮމްބާސާ" އަދި "އަލް ބަހިއްޔާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. މަރުވި ފަޅުވެރިޔާއަކީ "މޮމްބާސާ" ގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.
ޒަހަމްވި އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަ ރައްޔިތުންނާއި ޔޫކްރެއިންގެ ދެ ރައްޔިތުންނެވެ. މި ހަމަލާގެ ސަބަބުން ދެ އުޅަނދުގައިވެސް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔޫއޭއީން ވަނީ މިއީ ފާޅުކަން ބޮޑު ހަމަލާއެއް ކަމަށް ސިފަކޮށް، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މިކަމަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށާއި، ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރުވަން ކުރާ ކޮންމެ މަސައްކަތަކަށް ސާބިތުކަމާއެކު ރައްދު ދޭނެ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އޮމާންގެ ގަލްހާތުގެ އިރު އުތުރުން 40 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ޓޭންކަރަކަށް ކޮން އެއްޗެއްކަން ނޭނގޭ އެއްޗަކުން ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ. އެ އުޅަނދުގެ ކެޕްޓަނާ ހަވާލާދީ ޔޫކޭއެމްޓީއޯއިން ބުނީ ހަމަލާ އެރީ އިންޖީނު ރޫމާ ދިމާލަށް ކަމަށާއި، ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް، މިއީ ޔޫއޭއީން ރިޕޯޓުކުރި ހާދިސާކަން ރޮއިޓާސްއަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. އީރާނުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން އުފެދުނު ހަނގުރާމައިގެ ސަބަބުން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ހޯމަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އުޅަނދުފަހަރު ބްލޮކްކުރުމަށް ނިންމަވާފައިވާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ހަމަޖެހުން ގެއްލި، އީރާނުން ދަނީ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މީގެ ސަބަބުން ދާދި ފަހުން އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުންތަކަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިން ކަމަށްވުމުން، މިއީ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ހދ. އަތޮޅު ބޯޑަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ބައޮޕިކްއަކީ މައިކަލް!
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ