އަތޮޅުތެރޭގެ 13 ރަށެއްގައި ޖުމްލަ 2،100 އަގުހެޔޮ ފްލެޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއުލާންކޮށްފި އެވެ.
މި މަޝްރޫއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން، އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއު ހާއްސަކޮށްފައިވަނީ ސައްތައަކުން ސައްތަ ދިވެހި ކުންފުނިތަކަށެވެ.
މި މަޝްރޫއުގެ ދަށުން އަޅާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ ޕާކިން އަދި ވިޔަފާރި ބޭނުންތަކަށެވެ. ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތު ފަހިކޮށްދީ، ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަންޖެހޭނީ މަސައްކަތާ ހަވާލުވާ ކުންފުނިންނެވެ. އަދި މުޅި މަޝްރޫއުގެ %60 ހާއްސަކުރަންޖެހޭނީ "އެފޯޑަބަލް" ނުވަތަ އަގުހެޔޮ ފްލެޓްތަކަށެވެ. އަގުހެޔޮ ފްލެޓެއްގެ އެންމެ ބޮޑު އަގަކީ 1.5 މިލިއަން ރުފިޔާ އެވެ. އަދި ކޮންމެ ޔުނިޓެއްގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ އެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ، ފުވައްމުލައް، ޅ. ނައިފަރު އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ. މި ކޮންމެ ރަށެއްގައި 300 ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ލ. ގަން އަދި އައްޑޫ ފޭދޫގައި 200 ޔުނިޓް، ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި އަދި ދ. މީދޫގައި ކޮންމެ ރަށަކު 100 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ބ. ތުޅާދޫގައި 50 ޔުނިޓް އަދި އައްޑޫ މަރަދޫ އާއި މަރަދޫފޭދޫގައި ކޮންމެ ރަށަކު 25 ޔުނިޓް އެޅުމަށް ވަނީ ކަނޑައަޅާފަ އެވެ.
ރުޅިގަދަ ވުން: ތެރަޕީ ހޯދަންޖެހޭ ކަމުގެ 6 އިޝާރާތެއް!
ވެއިޓަރު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތު
އެސްއޯއީތަކުގެ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ