ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް އެ ޕާޓީގެ ހާއްސަ ކޮމިޓީން ނިންމުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.
މި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފު އަދި ވަކި ބައެއްގެ ނުފޫޒު އިންތިހާބަށް ވަންނާނެ ނިންމުމެއް ކަމަށް ބުނެ ޕާޓީގެ އާންމު މެންބަރުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.
ޕީއެންސީގެ ބައެއް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ އިންތިހާބީ ކަންކަން ބެލެހެއްޓުމަށްޓަކައި ހާއްސަކޮށްގެން އެކުލަވާލި ހަ މެންބަރުންގެ ކޮމިޓީންނެވެ. މި ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ކަމަށް ވެސް އެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ. މި ނިންމުމުގެ ސަބަބުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީގެ ރޫހަށް ބުރޫއަރާފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ބަޔަކު ނައިބު ރައީސް ކަމަށް ގެނައުމަށް ގެނައި ބަދަލެއް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތުކުރެ އެވެ.
"އެކި އެކި ބިރުތައް އޮންނާނެ ދެއްތޯ ފާޅުގައި ވޯޓު ދެންޏާ. އެއިރުން ރައީސް މުއިއްޒު ބޭނުންފުޅުވާ މީހުން ނައިބު ރައީސް ކަމަށް ގެންނަން ހިތާ ދެކޮޅަށް ވެސް މަޖުބޫރުވާނެތާ،" "ހުރިހާ"އާ ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
އިންތިހާބީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު
- ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
މިކަމާ ގުޅިގެން ނުރުހުން ފާޅުކުރި ޕީއެންސީގެ މެންބަރަކު ބުނީ، އަތްމައްޗަށް ނަގައިގެން ވޯޓުލާން ފެށުމުން އެންމެންވެސް ބަލާނީ ޕާޓީގެ ރައީސް މުއިއްޒު އަތްޕުޅު ނަންގަވަނީ ކޮން ކެންޑިޑޭޓަކަށްތޯ އެވެ. ރައީސް އަތްޕުޅު ނަންގަވައިފި ނަމަ، އެހެން އެންމެންވެސް މަޖުބޫރުވެގެން އެގޮތަށް އަތް ނަގާނެ ކަމަށާއި، މިއީ ޑިމޮކްރެޓިކް އިޖުރާއަތްތަކާ މުޅިން ހިލާފު "ޖޯކެއް" ކަމަށް އޭނާ ސިފަކުރި އެވެ. ޕާޓީގެ ލީޑަޝިޕުން މިއީ އެހެން ޕާޓީތަކަށް ދައްކާ ނަމޫނާއެއް ކަމަށް ވިދާޅުވި ނަމަވެސް، މިއީ ހަގީގީ ޑިމޮކްރަސީގައި އޮންނަ އުސޫލެއް ނޫން ކަމަށް އާންމު މެންބަރުން އަންނަނީ ބުނަމުންނެވެ.
ޕީއެންސީގެ ގިނަ އާންމު މެންބަރުން ދެކޭގޮތުގައި، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ވޯޓުލާން ނިންމުމަކީ އިންސާފުވެރިކަމެއް ނެތް، ހުދުމުހުތާރު ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން މެންބަރުންނަށް އެއްވެސް ބިރެއް ނެތި، މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ގެއްލި، ވަކި ބައެއްގެ ނުފޫޒު އިންތިހާބަށް ވަދެގެންދާނެ ކަމުގެ ބިރު އޮތުމުން މެންބަރުންގެ މެދުގައި ވަނީ ބޮޑު މާޔޫސްކަމެއް އުފެދިފަ އެވެ.
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
