ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 11 މިސްކިތެއް ބިނާކުރުމުގެ މަޝްރޫއު، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ސަބަބާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަށް ޖަވާބުދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި މި ސުވާލު ކުރިމަތިކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މެންބަރު މައުރޫފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަން ދެކޮޅު ހައްދަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ސުވާލަކީ އެ ވަގުތު މަޖިލީހުގައި މަޝްވަރާ ކުރެވެމުންދިޔަ މައުލޫއާ ގުޅުންހުރި ސުވާލެއް ނޫން ކަމަށެވެ. އަދި އެ ސުވާލަކީ ސީދާ ބ. ކުޑަރިކިލާ ގުޅުންހުރި ސުވާލަކަށް ނުވާތީވެ، އެހެން ފުރުސަތެއްގައި އެ ސުވާލަށް ޖަވާބު ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މަޖިލީހުގައި މި ސުވާލު އުފައްދަވަމުން މައުރޫފް ވިދާޅުވީ، ފެނަކައަކީ ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ކުރުމަށް ވެސް އެކަށީގެންވާ ގާބިލްކަމެއް ނެތް ކުންފުންޏެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން މަޖިލީހުގައި ހާމަކުރައްވާފައިވާ ކަމަށެވެ. އެފަދަ ކުންފުންޏަކަށް މިސްކިތް ބިނާކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައިވޭތޯ އާއި، އެ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ބަޖެޓު ހަމަޖެހިފައިވޭތޯ ނުވަތަ އެޑްވާންސް ފައިސާ ޖަމާކޮށްދީފައިވޭތޯ މައުރޫފް ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު މުއްތަލިބު މީގެކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ށ. ނަރުދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވެފައިވަނީ އެ މަސައްކަތް ކުރުމުގެ އެކަށީގެންވާ ގާބިލްކަން ފެނަކައިގައި ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، އާންމު ހިދުމަތްތައް ދިނުމުގެ ގާބިލްކަމާ މެދު ސުވާލު އުފެދިފައިވާ ކުންފުންޏަކާ މިސްކިތް އެޅުމުގެ ބޮޑު މަޝްރޫއެއް ހަވާލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެ ފައެވެ.
އިސްލާމިކް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ މިސްކިތް އެޅުމުގެ މަޝްރޫއުތައް ހަވާލުކުރީ މާޗް 2025 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ 11 ރަށެއްގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކެއް ބިނާކުރުމަށެވެ. މި މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، ބ. ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫ، ތ. ހިރިލަންދޫ އަދި ސ. ފޭދޫގަ އެވެ.
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
