ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ސީރިއަސް މައްސަލަތަކާ ގުޅިގެން، އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ ދެ މަހަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
ފެނަކައިގެ މުދަލާއި މާލީ ހިސާބުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން ވަނީ ކުންފުނި އިސްލާހުކުރުމަށް މުހިއްމު ހުށަހަޅުންތަކެއް ފާސްކޮށްފަ އެވެ. މި ހުށަހަޅުންތައް ކޮމިޓީއަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
ކޮމިޓީން ފާސްކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި:
- އާއިލީ މަސްލަހަތު އޮތް ކުންފުނިތަކަށް މަސައްކަތް ހަވާލުކުރުން: 2021 އިން 2023 ގެ ނިޔަލަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކާ އާއިލީ ގުޅުންހުރި ކުންފުނިތަކަކަށް 92 އެއްބަސްވުމެއްގެ ދަށުން 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށް، 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ މައްސަލަ އޭސީސީއަށާއި ފުލުހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. މި މައްސަލަ ބަލަމުންދާ ގޮތުގެ ތަފްސީލު ކޮންމެ ތިން މަހަކުން ކޮމިޓީއަށް ހުށަހަޅަން ޖެހެއެވެ.
- އުސޫލުން ބޭރުން މުދަލާއި ހިދުމަތް ހޯދުން: ކުންފުންޏަށް ބޭނުންވާ ތަކެތި ހޯދުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަތައް ތަހުގީގީ އިދާރާތަކަށް ހުށަހަޅައި، އެކަމުގެ ތަފްސީލު ކޮންމެ ދެ މަހަކުން ކޮމިޓީއަށް ފޮނުވަން ޖެހެއެވެ.
- ގެއްލުމުގައި މަޝްރޫއުތައް ހިންގުން: ކުންފުންޏަށް މާލީ ގެއްލުންވާ ގޮތަށް ހިންގާފައިވާ މަޝްރޫއުތައް ބަލައި، އެކަމުގެ ރިޕޯޓު ކޮންމެ ދެ މަހަކުން ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
- އަގުބޮޑުކޮށް ހިދުމަތް ހޯދުން: މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ހިދުމަތް ހޯދުމަށް ވެފައިވާ އެއްބަސްވުންތައް ތަހުގީގުކުރުމަށާއި، މީގެ ފަހުން އެފަދަ އަގުތަކުގައި ފައިސާ ނުދިނުމަށް ކުންފުންޏަށް ވަނީ އަންގާފަ އެވެ.
- އެޑްވާންސް ފައިސާ އަނބުރާ ހޯދުން: ބާތިލްކޮށްފައިވާ އެއްބަސްވުންތަކަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތަފްސީލު ކޮންމެ ދެ މަހަކުން ހުށަހަޅަން ޖެހެއެވެ.
- ޓެންޑަރަކާ ނުލައި ތެލާއި ސްޕެއާ ގަތުން: އުސޫލުތަކާ ހިލާފަށް ޓެންޑަރިންގ މަރުހަލާއަކާ ނުލައި ތެލާއި ސްޕެއާ ޕާޓްސް ގަތް މައްސަލައިގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ.
- ބާ ޖަނަރޭޓަރުތަކުގެ މައްސަލަ: އާ ޖަނަރޭޓަރުގެ ބަދަލުގައި ބާ ޖަނަރޭޓަރުތަކެއް ގެނައި މައްސަލަ ތަހުގީގުކޮށް، އެކަމުގެ މައުލޫމާތު ކޮންމެ ދެ މަހަކުން ހިއްސާކުރަން ޖެހެއެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރު 3،500 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ވަނަ އަހަރާ ހަމައަށް އައިއިރު 7،000 އަށް އިތުރުވެ، މުވައްޒަފުންގެ އަދަދު 78 އިންސައްތަ އިތުރުވެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކުންފުނީގެ މުދަލާއި ފައިސާ އިސްރާފުވާ ގޮތަށް ހިންގާފައިވާ ހުރިހާ މަޝްރޫއުތަކެއް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ. މި ހުރިހާ ކަމެއްގެ ތަފްސީލީ ރިޕޯޓު ކޮންމެ ދެ މަހަކުން ކޮމިޓީއަށް ހުށަހަޅަމުން ގެންދިއުމަށް ފެނަކައަށް މިހާރު ވަނީ އަންގާފަ އެވެ.
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިސްކިތް އަޅަން ފެނަކައާ ހަވާލުކުރި ސަބަބު ކިޔައެއް ނުދެވުނު