ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް ހަތަރެއް" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި ހާދިސާގައި ގެއްލިފައި ވަނީ އެ ދޯނީގެ ކެޕްޓަންގެ އިތުރުން ސިފައިންގެ މީހަކާއި ފުލުހެކެވެ.

މި ހާދިސާ ހިނގިއިރު ރާއްޖޭގެ ކަނޑުތައް ވަނީ އާދަޔާ ހިލާފަށް ގަދަވެފަ އެވެ. އަދި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި ގިނަ ބަޔަކު ކަނޑު ދަތުރުކުރި ނަމަވެސް ސިފައިން އަދި ފުލުހުން ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ.

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް ހަތަރެއް" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިއުމުގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ. ފޮޓޯ: އެމްއެންޑީއެފް

ސިފައިން މިއަދު ބުނީ ގެއްލުނު ތިން މީހުން ހޯދުމުގެ ގޮތުން ވައިގެ މަގުން ސިފައިންގެ ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ވެސް އެ މަސައްކަތުގައި ބައިވެރިވާ ކަމަށެވެ.

"ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމަށް ޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން،" ސިފައިން ބުނެފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ "ފްރެންޑް ހަތަރެއް" ދޯންޏަށް ބޮޑެތި ރާޅުތަކެއް އަރައި ދިޔަވުމާ ގުޅިގެން ކަމަށެވެ. ދޯނި އަޑިއަށް ގޮސްފައިވަނީ ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ދޯނީގައި ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ 11:22 ގައި ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި މުދަލާއެކު އަޑިއަށް ގޮސްފައިވާ ކަމަށެވެ.