ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލަރަކުވެސް ހިމެނޭ ގޮތަށް ބ. ތުޅާދޫ ކައުންސިލުން ގަރާރެއް މެދުވެރިކޮށް ގޮވާލައިފި އެވެ.
މި ގަރާރުގައި ތުޅާދޫ ކައުންސިލްގައި ހިމެނޭ އެމްޑީޕީ އާއި ޕީއެންސީ އަދި މިނިވަން ކައުންސިލަރުންނާއެކު ޖުމްލަ ފަސް ކައުންސިލަރުން ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރު ޔާސިރު މުހައްމަދުވެސް ހިމެނިވަޑައިގަންނަވަ އެވެ.
ތުޅާދޫ ކައުންސިލުން ނެރުނު ގަރާރުގައި ބުނެފައިވަނީ ކައުންސިލްތަކުން ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ކުރިއެރުންތަކާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް އެ ކައުންސިލުން ފާހަގަކުރެ އެވެ.
އަލަށް ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު، ބޭނުން ގޮތަކަށް މާލޭގައި ތިބޭ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެގެންދާނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން ރަށު ރައްޔިތުންގެ އިހްސާސްގެ މިލްކުވެރިކަން ބީވެގެންދާނެ ކަމަށްވެސް ތުޅާދޫ ކައުންސިލުން ބުންޏެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ މި ބިލުގައިވާ ގޮތުން މިއިން ކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީވެސް ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވެގެންދާ ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށް ވަކިކުރުމުގެ ބާރު މަރުކަޒީ އިދާރާތަކަށް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ތުޅާދޫ ކައުންސިލުން ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި އިސްލާހު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގޮވާލައްވާފަ އެވެ. އަދި ދާއިރާގެ މެންބަރު މިފަދަ އިސްލާހެއް ހުށަހެޅުއްވުމަކީ ލަދުވެތިވާ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެ އެވެ. ހަންނާނު އެ އިސްލާހު ހުށަހެޅީ ޕީއެންސީގެ އެދުމުގެމަތިންނެވެ.
ހަންނާނަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ސަރުކާރު ހިންގާ ޕީއެންސީއާއެކު ކުރައްވަމުން އަންނަ މެންބަރެކެވެ. މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައިވަނީ ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިންވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް މާއްދާތަކެއް އިތުރުކުރުމަށެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
